އެއްގަމާއި ކަނޑު އުޅަނދުތަކުގެ އިތުރުން ސިނގިރޭޓު ހިމެނޭހެން ރާއްޖެއަށް އެތެރެކުރާ ބައެއް ބާވަތްތައް އެތެރެކުރުމަށް ދެމުންދިޔަ އިނާޔަތްތައް ކަނޑާލަން މޯލްޑިވްސް ކަސްޓަމްސްއިން ނިންމައިފި އެވެ.

އަންނަ އޯގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިބަދަލަށް އަމަލުކުރަން ފެށުމަށް ކަސްޓަމްސްއިން އަންނަނީ ތައްޔާރުވަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވްސް ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނިޔާޒް ވިދާޅުވީ އަމިއްލަ ބޭނުންތަކަށް ރާއްޖެއަށް މުދާ އެތެރެކުރުމަށް ދައުލަތުން ދެމުންގެންދިޔަ އިނާޔަތް އެންމެ ބޮޑަށް ބޭނުންކުރަމުންދަނީ އެއްގަމު އުޅަނދު އެތެރެކުރުމަށް ކަމަށެވެ. އަދި ކަސްޓަމްސްގެ އާއްމު ގަވާއިދަށް ގެނެވުނު އިސްލާހާއެކު އެއްގަމު އުޅަނދާއި ކަނޑު އުޅަނދު އެތެރެކުރުމުގެ އިނާޔަތް ކަނޑާލާ ކުރިއަށް އޮތްތަނުގައި އެ ތަކެތިން ޑިއުޓީ ނަގަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާލެ ސަރަޙައްދަށް ބަލާއިރު ވެހިކަލް ގިނަވުމުގެ ސަބަބުން ވަރަ ށްބޮޑަށް އެބަ ބާރު ބޮޑުވޭ. އެހެންކަމުން އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ވެހިކަލް އެތެރެކުރެވޭ މިންވަރު މަދުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިއިނާޔަތް މިކަނޑާލަނީ. ހަމަމިއާއެކު ކަނޑު އުޅަނދުތައް އެތެރެކުރުމުގައިނވެސް މިގޮތަށް ޢަމަލުކުރާނީ،" ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ ސިއްހީ ދާއިރާއަށް ބަލާއިރު ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެނާޖީ ޑްރިންކް އެތެރެކުރުމަށް ދެމުންދިޔަ އިނާޔަތްތައް އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަނޑާލާނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ރާއްޖެއަށް އެންމެ ސިނގިރޭޓު ފޮށްޓެއް އެތެރެކުރި ނަމަވެސް އޭގެއިން ޑިއުޓީ ނަގާނެ ކަމަށް ނިޒާޔް ވިދާޅުވި އެވެ.

"މިގެނައި ބަދަލާއެކު ދަތުރުވެރިއަކުވިޔަސް އަދި ދިވެއްސަކަސް ރާއްޖެއަށް އެންމެ ސިނގިރެޓު ފޮށްޓެއް ގެނަޔަސް އޭގެއިން ޑިއުޓީ ނެގޭނެ،" އޭނާ ވިދާޅުވި އެވެ.

މިބާވަތްތަކުގެ އިތުރުން އަމިއްލަ ބޭނުންތަކަށް އެތެރެކުރި ނަމަވެސް ސަރުކާރުން ކަނޑައަޅާފައިވާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތަކުން ވެސް ކުރިއަށް އޮތްތަނުގައި ޢިނާޔަތްތައް ނުލިބޭގޮތަށް ވަނީ ކަނޑައަޅާފަ އެވެ. ހަމައެއާއެކު އަމިއްލަ ބޭނުންމަށް އިމްޕޯޓުކުރާ ތަކެއްޗަށް ކަސްޓަމްސްއިން ދެމުންދާ އިނާޔަތްތަކުގެ ބޭނުން ނަހަމަގޮތުގައި ވިޔަފާރީގެ ބޭނުމަށް ހިފާނަމަ އެފަރާތްތަކަށް ވެސް އިނާޔަތް ދިނުން ހުއްޓާލުމަށްވަނީ ނިންމާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ތެރެއިން އަމިއްލަ ބޭނުންތަކަށް އެތެރެކުރާ ކުދި ކުދި ބާވަތްތަކުން ދެމުންދިޔަ އިނާޔަތް 6000 ރުފިޔާއިން 10،000 ރުފިޔާއަށް މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ ބަދަލުކޮށްފަ އެވެ. އަދި ހަމައެއާއެކު މީގެ ކުރިން އިނާޔަތް ދެމުންދިޔަ ބައެއް ބާވަތްތަކުން އިނާޔަތް ވަނީ ކަނޑާލާފަ އެވެ.