ދިރާގުން ރާއްޖޭގެ އީސްޕޯޓްސްއަށް އިންގިލާބީ ބަދަލެއް ގެނެސްފި އެވެ.

މިރޭ ބޭއްވި ޚާއްސަ އިވެންޓެއްގައި ދިރާގުގެ މުޅިން އާ ގޭމިންގ ޕްލެޓްފޯމް ކަމަށްވާ 'ދިރާގު ގޭމާސް ގިލްޑް' (ޑީޖީޖީ) ވަނީ ލޯންޗުކޮށްފަ އެވެ.

'ދިރާގު ގޭމާސް ގިލްޑް' އަކީ ގޭމަރުންނަށް ހާއްސަ އަދި ގޭމިންގ ކޮމިއުނިޓީގެ ބައިވެރިވުމާއި މަޝްވަރާއާ އެކު ރާއްޖޭގައި ފަރުމާކުރެވިފައިވާ ޕްލެޓްފޯމެކެވެ. އެގޮތުން ގޭމަރުން ބޭނުންވާ ފަދަ ގޮތަކަށް އުފެދިފައިވާ ތަފާތު ފީޗާތަކާއި ހިދުމަތްތައް މި ޕްލެޓްފޯމުން ލިބިގެންދާނެވެ. އަދި މީގެ ސަބަބުން ހުރިހާ އެންމެން ހިމެނޭ ފަދަ އީސްޕޯޓްސް ކުޅުންތެރިންގެ ކޮމިއުނިޓީއެއް އުފެއްދުމުގެ އިތުރުން ކުޅުންތެރިން އެކަކު އަނެކަކާ ގުޅުވާލަދީ، ތަފާތު ގޭމުތައް ކުޅުމުގެ ފުރުސަތުވެސް މި ޕްލެޓްފޯމްއިން ފަހިކޮށްދޭނެ އެވެ.

ދިރާގު ހެޑް އޮފީހުގައި މިރޭ ބޭއްވި އިވެންޓެއްގައި މި ޕްލެޓްފޯމް ލޯންޗުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުالله ރަފީއު އެވެ. އަދި މި އިވެންޓްގައި އެ މިނިސްޓްރީގެ މިނިސްޓަރުން ކަމަށްވާ އިސްމާއިލް އާމިރު، މުހައްމަދު ރިޔާޒު، އަބްދުއް ރައްޒާގު އިބްރާހިމް އާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދުގެ އިތުރުން ދިރާގުގެ އިސް ބޭފުޅުންނާއި ގޭމިން ކޮމިއުނިޓީގެ އެކި މެމްބަރުން އަދި ތަފާތު ސްޓޭކްހޯލްޑަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

"އީސްޕޯޓްސްއާ ބެހޭ ހުރިހާ ކަމެއް އެއްތާކުން ފަސޭހަކަމާއެކު ލިބޭ މިފަދަ ދިރާގުގެ އަމިއްލަ ޕްލެޓްފޯމެއް ލޯންޗުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުގެ އުންމީދަކީ، މި ޕްލެޓްފޯމްގެ ޒަރިއްޔާއިން ރާއްޖޭގެ އީސްޕޯޓްސް ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުން ބާރުވެރިވެ ބައިނަލްއަގްވާމީ މުބާރާތްތަކުން މޮޅެތި ވަނަތަށް ހާސިލްކުރާތަން ދެކުން، އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ގޭމަރުންނަށް އެމީހުންގެ ހުނަރު ދައްކާލާ، މުޅިން ތަފާތު އަދި ފުރިހަމަ ތަޖުރިބާއެއް ލިބިގެން ދިއުން،" ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް އާ އީޖާދުތައް ގެނައުމަށް ދިރާގުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތަށް ތައުރީފު ކުރެއްވި އެވެ.

"މިކަމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޭމް ކުޅޭ ފަރާތްތަކަށް ކުރިއަށްވުރެ ރަނގަޅު ތަޖުރިބާއެއް ލިބޭނެކަން އަޅުގަނޑު ޔަޤީން ކުރަން. އަދި މީގެ އިތުރުން ކުޅިވަރާއި، ވާދަވެރިކަމާއި، ހުނަރު ތަރައްޤީކުރުމާ މެދު މީހުން ދެކޭ ގޮތް ބަދަލުވެގެންދާނެކަންވެސް ޔަޤީން. އަޅުގަނޑުގެ އުންމީދަކީ ދިރާގުގެ އެއްބާރުލުމާ އެކު ރާއްޖޭގެ އީސްޕޯޓްސް އެތުލީޓުން ބައިނަލްއަގުވާމީ މައިދާނުގައި ވާދަކޮށް، ގައުމަށް ފަޚުރުވެރި ވަނަތައް ގެނެސްދޭ މުސްތަގުބަލެއް ފެނުން،" ރާފިއު ވިދާޅުވި އެވެ.

ދިރާގު ގޭމާސް ގިލްޑްގެ ފާހަގަކޮށްލެވޭ ތަފާތު އެއް ފީޗާއަކީ ދިރާގުން ބާއްވާ އެކި އީސްޕޯޓްސް މުބާރާތްތަކަށް ފަސޭހަކަމާ އެކު ޕްލެޓްފޯމް މެދުވެރިކޮށް ރަޖިސްޓާ ކުރުމުގެ ފުރުސަތު ލިބިގެން ދިޔުމެވެ. އެގޮތުން މި ޕްލެޓްފޯމްގެ ރަޖިސްޓްރޭޝަން ޕްރޮސެސްގެ ސަބަބުން ބޭނުންވާ ހުރިހާ ގޭމަރުންނަށްވެސް މުބާރާތްތަކުގައި ވާދަކޮށް އެފަރާތްތަކުގެ ހުނަރު ދައްކާލެވޭނެ އެވެ. މީގެ އިތުރުން ޑީޖީޖީގައި ރަޖސްޓަރކޮށްފައިވާ ގޭމަރުންނަށް އެފަރާތްތަކުގެ ގޭމިންގ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ޚާއްސަ ފައިބަރ ބްރޯޑްބޭންޑް ބޫސްޓަރތަކާއި މޮބައިލް އެޑް-އޮންތައް ޕްލެޓްފޯމްގެ ތެރެއިން ނެގޭނެ އެވެ.

ޑީޖީޖީ ލޯންޗުކުރެވިގެން ދިޔައީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ވޯކް-އިން ގޭމިން މުބާރާތަކާއެކު އެވެ. އެގޮތުން ޝައުގުވެރިވާ ބައިވެރިންނަށް ޑީޖީޖީ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީކޮށް، ރޮކެޓް ލީގް އަދި އީއޭއެފްސީ 24، މި ދެ ގޭމުގެ ތެރެއިން ބޭނުންވާ ގޭމެއްގައި ވާދަކުރެވޭނެއެވެ. އަދި ޖެހިޖެހިގެން ތިން މެޗު ކާމިޔާބު ކުރާ ކުޅުންތެރިޔަކަށް ފައިސާގެ އިނާމެއް ލިބެގެންދާނެ އެވެ.

ދިރާގުން ދަނީ ރާއްޖޭގެ އެކި ދާއިރާތަށް އިތުރަށް ތަރައްގީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު މުއްސަނދިކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެއްބާރުލުންދެމުންނެވެ.