ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިން ދަސްކޮށް ދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ގާލްސް ޓު ކޯޑްގެ ހއ. ދިއްދޫ އެޑިޝަން ފަށައިފި އެވެ.

ދިރާގުން ބުނިގޮތުގައި އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ކޯޑިން ހުނަރު ދަސްކޮށްދޭ މި ޕްރޮގްރާމަކީ އަންހެން ކުދިން ބާރުވެރިކުރުވުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިފަހަރުގެ މި ޕްރޮގްރާމް އިއްޔެ އިން ފެށިގެން އަންނަ ސެޕްޓެންބަރުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ދިރާގުން ބުނެ އެވެ. އުމުރުން 10 އަހަރާއި 13 އަހަރުގެ އަންހެން ކުދިންނަށް ހާއްސަކޮށްގެން ބާއްވާ މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް މި ދާއިރާއަށް ޝައުގުވެރިކުރުވުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ ކުރިން ކޯޑިންގެ ތަޖުރިބާއެއް ނެތް ބައިވެރިންނަށް މި ޕްރޮގްރާމް މެދުވެރިކޮށް އަމަލީގޮތުން ކޯޑް ކުރަން ދަސްކޮށް، ޕްރޮގްރާމް ނިމޭއިރު އާދައިގެ ވެބްސައިޓްތައް އުފައްދަންވެސް ދަސްވެގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.

"ޝާމިލު މުޖުތަމަޢުއެއް ބިނާކުރުމާއި އަންހެނުން ބާރުވެރިކުރުވުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒު. އެގޮތުން ހއ. ދިއްދޫއަށް ހާއްސަކޮށްގެން ކުރިއަށްދާ މި އެޑިޝަންގެ އަމާޒަކީ އަންހެން ކުދިންނަށް ކޯޑިންގ ހުނަރު ދަސްކޮށްދީ، އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުކުރުމަށް ހިތްވަރުދިނުން. އަޅުގަނޑުމެންގެ އުއްމީދަކީ އައު ޖީލެއްގެ އަންހެން ލީޑަރުންތަކެއް އުފެދި، ޓެކްނިލޮޖީގެ ސިނާއަތުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުން ފެނިގެންދިއުން،" އައު ޖީލެއްގެ ގަރލްސް ޓު ކޯޑް ލާމު އެޑިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ދިރާގުގެ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވި އެވެ.

ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސާ މަރިޔަމް އަސްނާ ސައީދު ވިދާޅުވީ މި ޕްރޮގްރާމަކީ ހަމައެކަނި ކޯޑް ކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ނޫން ކަމަށެވެ.

"މި ޕްރޮގްރާމްގެ ޒަރިއްޔާއިން 21 ވަނަ ގަރުނަށް ބޭނުންވާ މުހިންމު ޑިޖިޓަލް ހުނަރުތައް ދަސްކޮށް، އުފެއްދުންތެރިކަން އިތުރުކޮށް އީޖާދުކުރުމަށް ބާރުވެރިކުރުވާނެ،" އަސްނާ ވިދާޅުވި އެވެ.

ދިރާގުން ބުނިގޮތުގައި ގާލްސް ޓު ކޯޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރަހައްދީ ގޮތުން އަމާޒުކޮށްގެން ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ތައާރަފްކުރި ސިލްސިލާ ޕްރޮގްރާމެކެވެ.

ގާލްސް ޓު ކޯޑް ދިއްދޫ އަކީ މި ސީރީޒްގެ 5 ވަނަ ޕްރޮގްރާމެވެ. މީގެ ކުރިން މި ޕްރޮގްރާމް ވަނީ ފުވައްމުލައް، ތިނަދޫ، ކުޅުދުއްފުށި އަދި ލ. އަތޮޅުގައިވެސް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފަ އެވެ. އަދި މި ތަޢުލީމީ ޕްރޮގްރާމަކީ އެކި ސަރަޙައްދުތަކުގައި ހޭލުންތެރިކަން އިތުރުކޮށް، 21 ވަނަ ގަރުނުގެ ޒަރޫރީ ހުނަރުތައް ހާސިލުކުރުމަށް ޒުވާން އަންހެން ކުދިންނަށް ހިތްވަރުދީ އެކަމުގެ ބިންގާ އެޅުމަށް މަގުފަހިކޮށްދޭ ޕްރޮގްރާމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.