މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ " ވޯޓަ ސެކިއުރިޓި ޕްލޭން"ގެ ދަށުން، ސިނަމާލެ ބްރިޖް މެދުވެރިކޮށް ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަޝްރޫއުގައި ހިމެނޭ، މާލޭ ޓްރާންސްފާ ޕަމްޕް ސްޓޭޝަން ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މާލޭގެ ޓްރާންސްފަ ޕަމްޕް ސްޓޭޝަން ހަދަނީ ރައީސުލްޖުމްހޫރިޔާގެ އޮފީހުގެ ނާސަރީގެ މަސައްކަތް ކުރިން ކުރަމުން އައި މާލޭގެ 64 ނަމްބަރު ކޮށީގަ އެވެ.
އެމްޑަބްލިއުއެސްސީ އިން ބުނީ އެ މަސައްކަތް ނިންމާލަން ތާވަލުކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ. އަދި މި މަސައްކަތަށް ޖުމްލަ 3.8 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެ ކުންފުނިން ބުނީ ސިނަމާލެ ބްރިޖް މެދުވެރިކޮށް ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫޢަކީ، އެމްޑަބްލިއުއެސްސީގެ "ވޯޓާ ސެކިއުރިޓި ޕްލޭން"ގެ ދަށުން 2016 ވަނަ އަހަރު ފެށުމަށްފަހު އެކި ސަބަބުތަކާ ހުރެ މިހާތަނަށް މަޑުޖެހިފައިއޮތް މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް އަލުން ފަށައިގަނެ މާލޭގެ ޕަމްޕްސްޓޭޝަންގެ މަސައްކަތް ނިމުމާއެކު ސިނަމާލެ ބްރިޖްމަތީގައި އަޅާފައިވާ ހޮޅިމެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅުވާލެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ކަމުގެ ސަބަބުން މާލޭ ސަރަޙައްދުގައި އެމްޑަބްލިޔުއެސްސީ އިން ފޯރުކޮށްދޭ ސާފު ބޯފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުވެގެން ދާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ.
އެ ކުންފުނިން ބުނީ މާލޭގައި ހަދާ މި ޕަމްޕް ސްޓޭޝަންގެ އިތުރުން މި މަޝްރޫއުގައި ހިމެނޭ އެހެން ބައިތަކަކީ ސިނަމާލެ ބްރިޖް މަތީގައި އަޅާފައިވާ 5.22 ކިލޯ މީޓަރު ދިގު ހޮޅިލައިން އާއި، ހުޅުމާލޭގައި ގާއިމް ކުރެވޭ ޓްރާންސްފާ ޕަމްޕް ސްޓޭޝަން ކަމަށެވެ.
މީގެ ތެރެއިން، ބްރިޖް މެދުވެރިކޮށް ހޮޅި ލައިން އެޅުމާއި، ޕްރެޝަ ޓެސްޓްކުރުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ. އަދި ހުޅުމާލޭގެ ޕަމްޕް ސްޓޭޝަންގެ މަސައްކަތްތައް ވެސް ވަނީ މިހާރު ފަށާފައި ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެމްޑަބްލިއުއެސްސީ އިން ބުނީ ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަޝްރޫއު މުޅިން ނިމި ޚިދުމަތަށް ގެނައުމަށް އަމާޒު ކުރެވިފައި ވަނީ 2024 ވަނަ އަހަރުގެ ނިޔަލަށް ކަމަށެވެ. އަދި މި މަޝްރޫއު ނިމުމުން، ބޭނުންވެއްޖެ ހާލަތެއްގައި، މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް ގަޑިއަކު 800 ޓަނުގެ ފެން ޕަމްޕުކުރުމުގެ ގާބިލްކަން އެމްޑަބްލިޔުއެސްސީ އަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
"މިއީ މާލޭގައި ފެން އުފެއްދުމާއި ފެން ރައްކާކުރުމާއި ފެން ފޯރުކޮށްދިނުމުގެ ގާބިލްކަން އިތުރުކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް އެމްޑަބްލިއުއެސްސީން ފަށާފައިވާ މަސައްކަތްތަކުގެ މުހިންމު ބައެއް،" އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.