މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 14.7 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 12.5 ބިލިއަން ރުފިޔާގެ އާމްދަނީއަށް ވުރެ 2.2 ބިލިއަން ރުފިޔާ އިތުރުވުމެކެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާބަލާއިރު 17 ޕަސެންޓްގެ އިތުރުވުމެކެވެ.

މީރާއަށް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުން ލިބުނު 560.6 މިލިއަން ޑޮލަރު ހިމެނެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 488.2 މިލިއަން ޑޮލަރުގަ އެވެ.

މީރާއަށް ލިބުނު ޖުމްލަ އާމްދަނީ މަހުން މަހަށް

  • ޖެނުއަރީ: 3.6 ބިލިއަން ރުފިޔާ
  • ފެބްރުއަރީ: 2.3 ބިލިއަން ރުފިޔާ
  • މާޗް: 2.9 ބިލިއަން ރުފިޔާ
  • އެޕްރީލް: 2.1 ބިލިއަން ރުފިޔާ
  • މޭ: 1.6 ބިލިއަން ރުފިޔާ
  • ޖޫން: 2.05 ބިލިއަން ރުފިޔާ

މި މުއްދަތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ އިންނެވެ.

ޖީއެސްޓީގެ ގޮތުގައި މީރާއަށް ޖުމްލަ 7.8 ބިލިއަން ރުފިޔާ މި އަހަރުގެ މި މުއްދަތުގައި ލިބުނުއިރު މިއީ ޖުމްލަ އާމްދަނީގެ 53.4 ޕަސެންޓެވެ. ޖީއެސްޓީ އާމްދަނީގެ 5.4 ބިލިއަން ރުފިޔާއަކީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އެވެ.

ބޮޑު އާމްދަނީއެއް ދެން ލިބުނީ އިންކަމް ޓެކްސްގެ ގޮތުގަ އެވެ. އެގޮތުން އިންކަމް ޓެކުހުގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ލިބުނުއިރު މިއީ ޖުމްލަ އާމްދަނީގެ 23.6 ޕަސެންޓެވެ.