ދިރާގުން އެކުންފުނީގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާ ބާއްވާފި އެވެ. މިއީ މުވައްޒަފުން ކުންފުންޏަށް ހޯދައިދީފައިވާ ކާމިޔާބީތަކާއި ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް އެކުންފުނިން ބާއްވާ އިވެންޓެކެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ރޭ ބޭއްވި މި އިވެންޓްގެ ޝަރަފުވެރި މެހެމާނުގެ ގޮތިގައި ބައިވެރިވެވަޑައިގަތީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ ޗީފް އެގްޒެކްޓިވް، އިލްޔާސް އަހްމަދެވެ. މީގެ އިތުރުން ދިރާގުގެ ޑިރެކްޓަރުންގެ ބޯޑް މެމްބަރުން، ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ރަޝީދާއި ދިރާގުގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ވަނީ މި އިވެންޓްގައި ބައިވެރިވެފަ އެވެ.

މި ހަފްލާގައި އެކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް، 79 މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ. އެގޮތުން ދިރާގަށް 10 އަހަރު، 15 އަހަރު އަދި 25 އަހަރު ހިދުމަތްކޮށްދީފައިވާ 45 މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ.

އަދި ވޭތުވެދިޔަ އަހަރު ދިރާގުގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ 34 މުވައްޒަފުންނަށްވެސް ވަނީ އެވޯޑް ހަވާލުކުރެވިފަ އެވެ. އޭގެ ތެރޭގައި 15 ޑިވިޝަނަލް މެރިޓް އެވޯޑް، 11 ސްޕެޝަލް މެރިޓް އެވޯޑް، ފަސް އިނޮވޭޝަން އެވޯޑް އަދި ދެ އައުޓްސްޓޭންޑިން ލީޑާސް އެވޯޑް ހިމެނެ އެވެ.

ރޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ޗެއާމަންގެ އެވޯޑް ލިބިފައިވަނީ ދިރާގުގެ އިންޖިނިއާ ކޯ ސިސްޓަމްސް، އިސްމާއިލް ސަމާހަށެވެ. ސަމާހުގެ ފަންނީ ތަޖުރިބާ އާއި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދިރާގުގެ މައި ސިސްޓަމް ޕްރޮޖެކްޓްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެ އެވެ.

ދިރާގުން އަބަދުވެސް ދަނީ އެކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް މުވައްޒަފުން ކުރަމުންދާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރަމުންނެވެ.