ރޭ ޔޫރޯ 2024 އާއި މިއަދު ހެނދުނު ކޮޕާ އެމެރިކާ ނިމުމާ އެކު ކުޅިވަރަށް ލޯބިކުރާ މީހުން މިހާރު އިންތިޒާރު ކޮށްގެން ތިބީ މި މަހު ފަހުކޮޅު ފަށާ އޮލިމްޕިކް ގޭމްސްއަށެވެ.

ފުރާންސްގެ ވެރިރަށް ޕެރިހުގައި ބާއްވާާ އޮލިމްޕިކްސް ކުރިއަށްދާނީ 26 ޖުލައިން 11 އޮގަސްޓުގެ ނިޔަލަށެވެ.

ޔޫރޯ އާއި ކޮޕާ އެމެރިކާގެ ހުރިހާ މެޗުތައް ދިވެހިންނާ ހަމައަށް ވަގުތުން ގެނެސްދިން ގޮތަށް އޮލިމްޕިކްސްގެ ކުޅިވަރުތައް ވެސް ވަގުތުން ދައްކަން މީޑިއާނެޓުން ވަނީ ނިންމާފަ އެވެ. އެގޮތުން މީޑިއާނެޓުގެ ކަސްޓަމަރުންނަށް އައިސް ނެޓްވޯކުގެ ޗެނަލްތައް މެދުވެރިކޮށް އޮލިމްޕިކްސްގައި ދުނިޔޭގެ އެންމެ މޮޅެތި އެތުލީޓުން ގޯލްޑު މެޑަލްއަށް ވާދަކުރާ މަންޒަރު ވަގުތުން ބަލައިލެވޭނެ އެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި ދިވެހި ފަސް އެތުލީޓުން ވާދަކުރެ އެވެ. އައިސް ނެޓްވޯކުގެ ޗެނަލްތައް ލިބޭނީ މީޑިއާނެޓުގެ ބޭސިކުން ފެށިގެން މަތީގެ ޕެކޭޖުތަކަށެވެ.

މީޑިއާނެޓްގެ ވެބްސައިޓު މެދުވެރިކޮށް ޕެކޭޖުތަކާ ބެހޭ މައުލޫމާތު ބަލާލައި، ސަބްސްކްރައިބް ކުރެވޭނެ އެވެ.