ގާބިލް ދިވެއްސަކު ކުރިމަތިލާފައި ވަނިކޮށް މިފްކޯގެ ސީއީއޯއަކު ހޯދަން ކުރި އިއުލާން ޝަރުތު ހަމަވާ މީހަކު ނުލިބުނު ކަމަށް ބުނެ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް ސީއީއޯ ހޯދަން ކުރި އިއުލާން ބާތިލުކޮށްފި އެެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ މިއަދު އެ އިއުލާން ބާތިލުކުރިކަން ހާމަކޮށްފަ އެވެ.

މިފްކޯއަށް އާ ސީއީއޯގެ މަގާމަށް ސީއީއޯއެއް ހޯދުމަށް އިއުލާން ކޮށްފައި ވަނީ 26 ޖޫން ގަ އެވެ. އިއްޔެގެ 2 ޖެހުމާ ހަމައަށް މުއްދަތު ހަމަވި އެ އިއުލާނަށް ޝަރުތު ހަމަވާ މީހަކު ކުރިމަތި ނުލާކަމަށް ޕީސީބީން ބުނެ އެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް ކުރިމަތިލާ ފަރާތުގެ ޝަރުތުގެ ގޮތުގައި މަދުވެގެން އަށް އަހަރު މަސްވެރިކަމާ ގުޅުންހުރި ކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ހުރި ފަރާތަކަށްވުމާއި މަދުވެގެން ހަތަރު އަހަރު މަސްވެރިކަމާ ގުޅުން ހުރި ބައިނައަޤްވާމީ ކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ހުރި ފަރާތަކަށް ވާން ޖެހޭ ކަމަށް ޕީސީބީން އޭރު ކުރި އިޢުލާންގައި ބަޔާންކޮށްފައިވެ އެވެ.

މިފްކޯ އަށް ސީއީއޯގެ މަގާމަށް މީހަކު ހޯދަން ކުރި އިއުލާން ބާތިލްކޮށްފައި ވަނީ އެ މަގާމަށް، އިގްތިސާދީ ތަޖުރިބާކާރު އަދި މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާތިފް ޝަކޫރު ކުރިމަތިލައްވާފައި ވަނިކޮށެވެ. އާތި ފާއެކު ފެލިވަރު ކޭނިން ފެކްޓަރީގެ ފުޑް ސޭފްޓީ އިސްވެރިޔާ ކަމާއި ފެލިވަރުގެ މެނޭޖަރުކަން ކުރެއްވި އަލީ އަހުމަދު ވެސް އެ މަގާމަށް ކުރިމަތިލެއްވި ކަމަށްވެ އެވެ.

އާތިފް ވަނީ މީގެ ކުރިން މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަމާއި އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯކަން ކުރައްވައިފަ އެވެ. އޭގެ އިތުރުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ އިސްވެރިއަކަށް ވެސް އޭނާ ކުރިން ހުންނެވި އެވެ.

"މިހާރު" ނޫހަށް އޭނާ އިއްޔެ ވިދާޅުވީ މިފްކޯގެ ސީއީއޯއަށް ކުރިމަތިލެއްވީ، އެ މަގާމަށް އެކަށީގެންވާ ދިވެއްސަކު ނުލިބިގެން އެ ވަޒީފާ ބޭރު މީހަކަށް ދިން ކަމަށް ބުނުމުގެ ޖާގަ ނުދިނުމަށާއި މިފްކޯ ހިންގޭނެ ގާބިލް ދިވެހިން އެބަތިބި ކަމަށެވެ.

ޕީސީބީން ކުރި އިއުލާނުގައިވާ ގޮތުން މިފްކޯގެ ސީއީއޯގެ މަގާމަށް ކުރިމަތި ލެވޭނީ ބިޒްނަސް މެނޭޖްމެންޓާއި އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލުކޮށް، އަދި އަށް އަހަރު ދުވަހުގެ ތަޖުރިބާ ނުވަތަ އިންޓަނޭޝަނަލް ފެންވަރުގެ ކުންފުންޏެއް ހިންގުމުގެ ހަތަރު އަހަރުގެ ތަޖުރިބާ ހުންނަންވާނެ ފަރާތަކަށެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް ހޮވޭ ފަރާތުގެ ގާބިލްކަމަށް ބެލުމަށް ފަހު 9،500 ޑޮލަރު (146،000ރ.) އާއި 12،000 (185،000ރ.) ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް ޕީސީބީން ބުނެފައިވެ އެވެ.

ޕީސީބީން މިފްކޯއަށް އާ ސީއީއޯއެއް ހޯދަން އިޢުލާންކޮށްފައި ވަނީ، އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޝަމާހް ރަޝީދު އެމަގާމުން މިދިޔަ މޭއި މަހު ވަކިކުރުމަށް ފަހު އެވެ. މަގާމުން ވަކިކުރުމުގެ ކުރިން ޝަމާހް ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފަ އެވެ. އޭނާ މަގާމުން ވަކިކުރި ސީދާ ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެ އެވެ.

އެ މަގާމަށް އާތިފް ޝަކޫރު ކުރިމަތިލެއްވި ކަމަށް މީޑިއާތަކުން ވަނީ އިއްޔެ ރިޕޯޓްކޮށްފަ އެވެ. އާތިފް އަކީ މިފްކޯއާއި އެމްޓީސީސީގެ އެންމެ އިސް މަގާމުތަކުގައި އުޅުއްވި ބޭފުޅެކެވެ. އާތިފް ވަނީ ދިރާގުގެ ޗެއާމަންގެ މަގާމު ވެސް ކުރިން ފުރުއްވާފަ އެވެ.

މިފްކޯއަކީ ސަރުކާރުގެ މަސްކުންފުނީގެ ގޮތުގައި 1993 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ.