މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ)ގެ މަސް ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ލިބުން ދަތިވެއްޖެ އެވެ.

މަސްލިބުން ދަތިވެ ރައްޔިތުންގެ ޝަކުވާތަކާ ގުޅިގެން މިފްކޯއިން މިއަދު ބުނީ އެ ކުންފުނީގެ މަސްފިހާރަތަކުން ކަނޑު މަހުގެ ބާވަތްތައް މި ދުވަސްވަރު މަދުވުން ނުވަތަ ހުސްވެފައިވަނީ ރާއްޖޭގައި މަސްވެރިކަން ދަށްވެ، ކިރާ މަހުގެ އަދަދު ދަށްވުމުގެ ސަބަބުން ކަމަށެވެ.

މިފްކޯ އިން ބުނީ ދަޅުމަސް ލިބުމަށް އެއްވެސް ދަތިކަމެއް ނެތްކަމަށާއި ނަމަވެސް ކަޅުބިލަމަހުގެ އެހެނިހެން އުފެއްދުންތައް ފިހާރަތަކުން ލިބޭނީ ކަޅުބިލަ މަސް ލިބުމުން ކަމަށެވެ. އަދި ކަންނެލި މަހުގެ އުފެއްދުންތައް ކުރިއެކޭ އެއްގޮތަށް މިފްކޯގެ ފިހާރަތަކުން ލިބެން ހުންނާނެކަމަށް ސަރުކާރުގެ މަސްކުންފުނިން ބުނެ އެވެ.

"ވެލިއު އެޑެޑް ޕްރޮޑަކްޓުގެ ތެރެއިން ކަޅުބިލަމަސް ނުލިބޭތީ ޕްރޮޑަކްޝަން ދަށްވެފައި މިހާރު އޮތީ. އެކަމަކު މަސްވެރިކަން ރަނގަޅުވުމާއެކު ފިހާރަތަކުގެ ރެކުތައް ފުރިގެންދާނެ،" މިފްކޯގެ ފަރާތުން މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނެފައިވެ އެވެ.

ރައްޔިތުން ގަރުދިޔާ ބަތާ ކެއުމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ގޮވާލެއްވުމާއި ގުޅިގެން ގަރުދިޔަ ވަނީ ސޯޝަލް މީޑިއާގައި ޓްރެންޑް ވެފަ އެވެ. މިއާއެކު މީރުކޮށް ތައްޔާރު ކޮށްފައިވާ އެކި ކަހަލަ ބާވަތް ތަކާއެކު ގަރުދިޔާ ބަތުގެ ފޮޓޯތަކުން ސޯޝަލް މީޑިއާ ވަނީ ފުރާލާފަ އެވެ.