މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ގެ ވިޔަފާރި ފުޅާކުރުމަށްޓަކައި ބޯޓު ބަނުމުގެ ހިދުމަތްދޭން ފެށުމަކީ އަމާޒެއްކަމަށް އެކުންފުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވެއްޖެ އެވެ.
އެކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޒިޔާދު ވިދާޅުވީ އެމްޓީސީސީގެ ތަރައްގީއަށްޓަކައި ޕްލޭންކޮށްފައިހުރި ކަންތައްތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ހިއްސާދާރުން ވަނީ ކުރީގެ މެނޭޖުމަންޓުގެ ޕްލޭންތައް މިހާރުގެ މެނޭޖުމަންޓުން ކުރިއަށްގެންދާނެތޯ ސުވާލުކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޒިޔާދު ވިދާޅުވީ ކުރީގެ މެނޭޖްމަންޓުން ވިސްނާފައި ހުރި ޑްރެޖިން ޕްރޮޖެކްޓްތަކާއި އެކި ބާވަތުގެ މަސައްކަތް ފުޅާކުރުމަށް އެ މިސްރާބުން ކުރިއަށް ދާކަމަށެވެ.
"ޝިފިން ރިޕެއާ ޔާޑުގެ މަސައްކަތް ވަރަށް ބޮޑަށް ކުރިއަށްގެންދެވި އުއްމީދުކުރަނީ ދެން އަންނަ އޭޖީއެމްއެއް އަންނަންވާއިރަށް ބޯޓު ފަހަރު ބަންނަ ކުންފުންޏަކަށްވާނެކަމަށް،" ޒިޔާދު ވިދާޅުވި އެވެ.
އެމްޓީސީސީގެ ބޯޓްޔާޑެއް ތިލަފުށީގައި ހުންނައިރު، މިއީ ރާއްޖޭގައި ޑޮކިން ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ބޯޓްޔާޑެވެ. ތިލަފުށީގައި ގާއިމްކޮށް ހިންގަމުންދާ ބޯޓްޔާޑަކީ އެއްފަހަރާ ތަފާތު ސައިޒްގެ 20 އުޅަނދު ޑޮކްކުރުމުގެ ޖާގަ އޮތް ބޯޓްޔާޑެކެވެ.
ހިއްސާދާރުންގެ ސުވާލުތަކަށް ޖަވާބުދެމުން އެމްޓީސީސީގެ ޗެއަޕަރސަން މުހައްމަދު އަފީފް ހުސެއިން ވިދާޅުވީ ކުންފުނީގެ އާމްދަނީ އިތުރުކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ބޭރުގެ ޕްރޮޖެކްޓުތަކަށާއި އަމިއްލަ ވިޔަފާރިތަކުގެ ޕްރޮޖެކްޓްތަކަށް އިސްކަންދީގެން މަސައްކަތް ކުރަމުންދާކަމަށެވެ.
އަފީފް ވިދާޅުވީ އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދާނީ ހިއްސާދާރުންނާއި ގުޅިގެންކަމަށެވެ. އަދި ހިއްސާދާރުން ދޭ ހިޔާލާއި ލަފާތައް ބަލައިގަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ރޭ ބާއްވާފައިވަނީ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގަ އެވެ.