ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކަވާ) 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ މި ބައިނަލްއަގުވާމީ މުބާރާތަކީ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކަވާ) އާ ގުޅިގެން ބާއްވާ މުބާރާތެކެވެ. ކަވާއަކީ ދެކުނު އޭޝިއާ ސަރަހައްދުގެ 14 ގައުމެއް ހިމެނޭ ޖަމިއްޔާއެކެވެ. އަދި މިއީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އާއި ފެޑެރޭޝަން އިންޓަނޭޝަނަލް ޑި ވޮލީބޯލް (އެފްއައިވީބީ)ގެ އެފިލިއޭޓެޑް ޖަމިއްޔާއެކެވެ.

18 އިން 23 ޖުލައިގެ ނިޔަލަށް މާލޭގެ ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި މުބާރާތުގައި ސްރީލަންކާ، ނޭޕާލް، ކިރްގިސްތާން އަދި ރާއްޖޭގެ 20 އަހަރުން ދަށުގެ އަންހެން ޓީމުތައް ބައިވެރިވާނެ އެވެ. އަދި މި މުބާރާތުގެ ސަބަބުން ޒުވާން އެތުލީޓުންނަށް ބައިނަލްއަގްވާމީ ފެންވަރުގައި ވާދަކުރާއިރު ހުނަރު ދައްކާލުމުގެ ޕްލެޓްފޯމެއް ފަހިވެގެންދާނެ އެވެ.

ދިރާގަކީ ޒުވާނުން ބާރުވެރިކޮށް، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި އަދި މި ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އަބަދުވެސް އެއްބާރުލުންދެމުން އަންނަ ކުންފުންޏެކެވެ.