އެމްޓީސީސީގެ ހިއްސާއަކަށް ތިން ރުފިޔާ ބަހަން ފާސްކޮށްފި އެވެ.

އެމްޓީސީސީގެ ހިއްސާއަކަށް ތިން ރުފިޔާ ބެހުމަށް ފާސްކޮށްފައިވަނީ ރޭ އުމަރު ޒާހިރު ބިލްޑިންގައި ބޭއްވި މިއަހަރުގެ އަހަރީ އާންމު ޖަލްސާގަ އެވެ. މިގޮތަށް ފާސްކޮށްފައިވަނީ މިޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ %99.6 ވޯޓުންނެވެ.

މިޖަލްސާގައި މިދިޔަ އަހަރުގެ ޔައުމިއްޔާ ވަނީ ފާސްކޮށްފަ އެވެ. އަދި ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޑެލޮއިޓް ޕަރޓްނާސް އެވެ. އެ ކުންފުނިން ހުށައަޅާފައިވަނީ 498،960 ރުފިޔާ އެވެ. އަދި އާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރަކަށް ހޮވާފައިވަނީ ނަޞްރަތު މުހައްމަދު އަދި މުހައްމަދު އިމްރާން އަދްނާނެވެ.

މިޖަލްސާގައި އޮންލައިންކޮށްވެސް އަދި ޖަލްސާއަށް ހާޒިރުވެގެން ވެސް ހިއްސާދާރުން ވަނީ ބައިވެރިވެފަ އެވެ.

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން... ފޮޓޯ: އެމްޓީސީސީ

މާލީ ހިސާބުތައް ދައްކާގޮތުން އެމްޓީސީސީއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 3.24 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ. މިއީ 2022ވަނަ އަހަރު ލިބުނު އާމްދަނީގެ އަދަދާއި އަޅާ ބަލާއިރު 31 އިންސައްތަ އިތުރު އަދަދެކެވެ.

އެމްޓީސީސީގެ މާލީ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު ކުންފުނި ހިންގައިގެން ވަނީ 336.77 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ 2022ވަނަ އަހަރު ކުންފުނި ހިންގުމުގެ ފައިދާގެގޮތުގައި ލިބުނު އަދަދަށްވުރެ 4 އިންސައްތަ އިތުރު އަދަދެކެވެ.