އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ޗައިނާގެ ޓިއަންޔިން އިންކް ކުންފުންޏާ ހިއްސާކޮށްފި އެވެ.

މި މައުލޫމާތު އެކުންފުންޏާއި ހިއްސާކޮށްފައިވަނީ ރާއްޖޭގެ ތިން ވަޒީރަކު މިހާރު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިމަހުގެ 20 އިން 24 އަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އަންނަނީ ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ.

މި ދަތުރުފުޅުގެ ތެރެއިން ވަޒީރުން ވަނީ ޗައިނާގެ ޓިއަންޔިންގ އިންކްގެ ޗެއާމަން ޑރ. ޔަން ގެންގްޖުން އާއި ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައިވަނީ ކުނި މެނޭޖްކުރުމާއި، ރަށްރަށުގައި ކުރިއަށްދާ އުމްރާނީ ހިދުމަތްތަކުގެ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކޮށް، މިފަދަ މަޝްރޫޢުތަކާއި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން އަންނާނެ ކުރިއެރުންތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އަދި މީގެ އިތުރުން އިއާދަކުރަނިވި ދާއިރާއިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތަކާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފަ އެވެ.

ޗައިނާ ޓިޔަންޔިން އިންކް އާއެކު ރާއްޖެއިން މިހާރު ވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތިމާވެށި ހިމާޔަތްކުރުމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެ އަހަރު ދުވަހުގެ މުއްދަތަށް ގުޅިގެން މަސައްކަތް ކުރުމަށް އެންވަޔަރުމަންޓް މިނިސްޓްރީ އާއި ޗައިނާ ޓިޔަންޔިން އިންކް (ސީއެންޓީވައި) އާއެކު އެމްއޯޔޫއެއްގައި ވަނީ މިއަހަރުގެ މާޗު މަހު ސޮއިކޮށްފަ އެވެ.

އެންވަޔަރުމަންޓް މިނިސްޓްރީން އޭރު ބުނެފައި ވަނީ މި އެއްބަސްވުމުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާއި، ފެނާއި ނަރުދަމާ، ހަކަތަ އަދި ތިމާވެށި ޙިމާޔަތްކުރުމުގެ އިތުރުން ލޯ ކާބަން އާބަން ޑިވެލޮމަންޓްގެ ދާއިރާތަކަށް މަސައްކަތްކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ސީއެންޓީވައިއިން އެ ކުންފުނީގެ ސިނާއީ އަދި ޓެކްނޮލޮޖީ ގާބިލުކަން ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމަށް އެހީވުމަށް ވެސް ނިންމާފައިވާ ކަމަށް އެންވަޔަރުމަންޓް މިނިސްޓްރީން ބުނެފައިވެ އެވެ.

ތިން ވަޒީރުން ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޗައިނާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާ ޗައިނާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ އެވެ. އަދި ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާ ޗައިނާގެ ގިނަ ކުންފުނިތަކަކާ މި ދަތުރުފުޅުގެ ތެރެއިން ބައްދަލުކުރައްވާނެ އެވެ.

މިދަތުރުފުޅުގައި ވަޒީރުންގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް، ބައިވެރިވެވަޑައިގަންނަވަ އެވެ.