ދިރާގާއި ސްޕާކްހަބް އިން ކުރިއަށްގެންދިޔަ ލީން ސްޓާޓްއަޕް މޯލްޑިވްސް 2024 – އައްޑޫ އެޑިޝަން ވޯކްޝޮޕް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕްގައި ރާއްޖޭގައި އިނޮވޭޝަނާއި ވިޔަފާރި ކުރިއެރުވުމަށްޓަކައި ލީން މެތަޑޮލޮޖީތައް ބޭނުންކުރާ 50 ފަރާތަކަށް ދަސްކޮށްދިނެވެ.

އެ ވޯކްޝޮޕަކީ ޕްރޮޑަކްޓް، ކަސްޓަމަރު އަދި ވިޔަފާރި މޮޑެލް ބިނާކުރުމަށް ބޭނުންވާ "ލީން މެތަޑޮލޮޖީ" އާއި އަމަލީ މަސައްކަތާ ގުޅޭ ގޮތުން ދަސްކޮށްދޭ ބޫޓްކޭމްޕެކެވެ.

އުއްމީދީ ޒުވާން ވިޔަފާރިވެރިންނާއި އީޖާދުންނަށް ވިޔަފާރިވެރިކަމާއި އިނޮވޭޝަން ހިންގުމަށް ބޭނުންވާ ޒަރޫރީ އިލްމާއި ވަސީލަތްތަކާއި ވިސްނުން ވޯކްޝޮޕް މެދުވެރިކޮށް ދަސްކޮށްދިނެވެ.

އެ ވޯކްޝޮޕްގެ ބައިވެރިން ވަނީ ލީން މެތަޑޮލޮޖީގެ އުސޫލުތައް އެފަރާތްތަކުގެ މަސައްކަތުގެ އެކި ޕްރޮސެސްތަކާއި ސްޓާޓްއަޕްތަކަށް އެޕްލައި ކުރެވިދާނެ ގޮތުގެ އިލްމާއި ހުނަރު ހޯދާފަ އެވެ.

ދިރާގުން ބުނީ އެ ހަރަކާތުގެ ސަބަބުން ކަސްޓަމާ ވެލިޑޭޝަން އާއި އެކްސްޕެރިމެންޓޭޝަންގެ ޒަރިއްޔާއިން ހިޔާލުތައް ދެނެގަތުމުގެ ތަފާތު ޕްލެޓްފޯމެއްވެސް ބައިވެރިންނަށް ލިބިގެން ދިޔަ ކަމަށާއި ތަފާތު އެކްސްޕެރިމެންޓޭޝަން އުކުޅުތައް މެދުވެރިކޮށް ބައިވެރިންގެ ހިޔާލުތައް ޓެސްޓްކޮށް، އިތުރަށް ފުރިހަމަ ކުރާނެ ގޮތުގެ މައުލޫމާތާއި އަމަލީ ތަޖުރިބާވެސް ވަނީ އެފަރާތްތަކަށް ފޯރުކޮށްދީފަ އެވެ.

އެގެއިތުރުން، ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ފަރުމާކުރެވެނީ އެތަކެތި ބޭނުންކުރާ ފަރާތްތަކަށް ވިސްނައިގެންތޯ ކަށަވަރުކުރުމަށްޓަކައި ކަސްޓަމަރުންގެ މުއާމަލާތްތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމުގެ މުހިންމު ހަރަކާތްތައްވެސް ޕްރޮގްރާމްގައި ބައިވެރިންނަށް ދަސްކޮށްދިން ކަމަށް ދިރާގުން ބުނެ އެވެ.

ސްޕާކްހަބްގެ ޗީފް ޑިވެލޮޕްމެންޓް އޮފިސާ، ފާތުމަތު ނީޝާ ވިދާޅުވީ އެ ޕްރޮގްރާމް އައްޑޫގައި މިފަހަރު ބޭއްވުމަކީ މުޅި ދިވެހިރާއްޖޭގައިވެސް ހަރުދަނާ ސްޓާޓްއަޕް ސަގާފަތެއް ގާއިމްކުރުމަށް އެފަރާތުން ދޭ އަހައްމިއްޔަތުކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

ދިރާގުގެ ޑިރެކްޓާ، ބްރޭންޑް އެންޑް މަރކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ އަމާޒަކީ އެ ޕްރޮގްރާމުގެ ޒަރިއްޔާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާން ވިޔަފާރިވެރިންގެ އާ ޖީލެއް ބާރުވެރިކުރުވުން ކަމަށާއި އުންމީދަކީ ޕްރޮގްރާމްއިން ދަސްވިކަންކަން، ހުރިހާ ބައިވެރިންވެސް އަމަލީ ސިފައެއްގައި ބޭނުންކުރުން ކަމަށެވެ.

ލީން ސްޓާޓްއަޕް މޯލްޑިވްސް ވޯކްޝޮޕްގެ ބައިވެރިން ވަނީ މި ހަރަކާތުގެ ސަބަބުން އެކި މަސައްކަތްތަކުގައި އަދި ވިޔަފާރިވެރިކަމުގެ ދަތުރަށް ކުރާނެ ހެޔޮ އަސަރުތަކާ ބެހޭ ގޮތުން ޚިޔާލު ފާޅުކޮށްފަ އެވެ.