ޗައިނާގެ އެގްޒިމް ބޭންކުގެ ޗެއާމަން ވޫ ފުލިންއާ ހާރިޖީ ވަޒީރު މޫސާ ޒަމީރު ބައްދަލު ކުރައްވައިފި އެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ އެގްޒިމް ބޭންކުގެ ޗެއާމަންއާ އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތާއި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި އިސްލާހީ ޕްރޮގްރާމާ ގުޅޭ މައުލާމާތު ހިއްސާކުރެއްވި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަރައްގީގެ މުހިއްމު މަޝްރޫއުތަކަށް ފައިސާ ހަމަޖެއްސުމާއި ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދެވޭނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް މޫސާ ޒަމީރު ވިދާޅުވި އެވެ.

މި ބައްދަލުވުމަކީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީގެ ދައުވަތަކަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ބައެކެވެ. މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި، ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގުގެ އިތުރުން އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

މި ދަތުރުފުޅުގައި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އެހީތެރިވެވޭނެ ޗައިނާގެ އެހެން ގިނަ ކުންފުނިތަކާއި، ޗައިނާގެ ފޮރިން މިނިސްޓަރާއި، ޗައިނާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ވެސް ރާއްޖޭގެ މިނިސްޓަރުން ބައްދަލުކުރައްވާނެ އެވެ.