ހއ. ވަށަފަރުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ 84 ޕަސެންޓު މަސައްކަތް އެމްޑަބްލިއުއެސްސީން ނިންމާލައިފި އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ވަށަފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން މިމަޝްރޫއުގެ 84 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެ އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މިމަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ޓޭންކް އިންސްޓޯލްކުރުމާއި ސީ އައުޓްފޯލްގެ މަސައްކަތް ކަމަށެވެ.

ވަށަފަރުގެ ފެނާއި ނަރުދަމާގެ މަޝްރޫއަށް 92.78 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

މިމަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ވަށަފަރުގައި 5.7 ކިލޯމީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ގާއިމް ކުރުމާއި، އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރޯ ޕްލާންޓް ބެހެއްޓުން އަދި ފެން ރައްކާކުރުމަށްޓަކައި ތިން ތާނގި ބެހެއްޓުން ހިމެނެ އެވެ. އަދި މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެން ދާނެ އެވެ.

ވަށަފަރުގައި ގާއިމްކޮށްފައިވާ އާރޯ ޕްލާންޓް... ފޮޓޯ: އެމްޑަބްލިޔުއެސްސީ

މިމަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ވަށަފަރުގައި 1.6 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކް ޤާއިމްކުރުމާއި، 7.2 ކިލޯ މީޓަރގެ ޕަންޕިން ލައިން އެޅުމާއި 4 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެ އެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެކުންފުނިން ބުނެފައިވެ އެވެ.