ހއ. ތަކަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތުގެ 85 ޕަސެންޓު ނިމިއްޖެ އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ތަކަންދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ 85 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެ އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ އިންޓާނަލް ހޮޅި އެޅުމާއި ވައިރިންގެ މަސައްކަތާއި ޕަންޕް ސްޓޭޝަންތަކުގެ މަސައްކަތް ކަމަށެވެ.

ތަކަންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަށް 76.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން އެމްޑަބްލިޔުއެސްސީން ބުނީ މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ތަކަންދޫގައި 8.37 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުން ހިމެނެ ކަމަށެވެ. އަދި ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުނެ އެވެ.

އެމްޑަބްލިޔުއެސްސީން ބުނި ގޮތުގައި މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ތަކަންދޫގައި 6.33 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމާއި، 1.04 ކިލޯ މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާއި، ތިން ޕަންޕިންގ ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެ އެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.