ރިސޯޓްތަކުން ދައުލަތަށް ދައްކަންޖެހޭ 251 މިލިއަން ޑޮލަރު އެބަހުރި ކަމަށާއި އޭގެ ތެރެއިން ފަސް މިލިއަން ޑޮލަރު ފާއިތުވި 17 ދުވަހުގެ ތެރޭގައި ދައްކާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ފައިސަލް އިބްރާހީމް ދިވާޅުވެއްޖެ އެވެ.

ސަންގް ޓީވީގެ 'ސަރުކާރު' ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ ދައްކަން ޖެހޭ ފައިސާ ނުދައްކާ ހުރުމަކީ ދެރަކަމެއް ކަމަށާއި އެ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށެވެ. މިހާތަނަށް މިދިޔަ 17 ވަރަކަށް ދުވަހުގެ މަސައްކަތުން ނޯޓިސް ފޮނުވައިގެން ފަސް މިލިއަން ޑޮލަރު ދައުލަތަށް ދައްކާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޮޕަރޭޝަނަލް ރިސޯޓްސްތަކުން 78 މިލިއަން ޑޮލަރު ނުލިބިވާ ކަމަށާ އަދި ކޮންސްޓްރަކްޝަން ރިސޯޓުތަކުގައި 173 މިލިއަން ޑޮލަރު ނުލިބިވާ ކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.

ދައުލަތަށް ލިބެން ޖެހޭ ފައިސާ، އިކޮނޮމިކް ކައުންސިލް އާއި އެޓާނީ ޖެނެރަލްގެ ލަފައާ އެކު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ނުދައްކާ ފައިސާގެ އަދަދު އިތުރު ވެގެން ދިއުމުގައި އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ މިދިޔަ ސަރުކާރާއި އޭރު ވަޒީރުންގެ ގޮތުގައި ތިއްބެވި ފަރާތްތައްކަމަށް ފައިސަލް ވިދާޅުވި އެވެ. އެމްޑީޕީ ސަރުކާރުން އެއްވެސް ކަމެއް ނުކޮށްތިބެ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުން ފަސްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެމްޑީޕީ މިދިޔަ ރިޔާސީ އިންތިހާބުން ބަލިވުމުން ނޮވެމްބަރު 14-16 ވަނަ ދުވަހާ ދެމެދުގައި ގިނަ ގޯސްތަކެއް ހަދާފައިވާ ކަމަށް ވެސް ފައިސަލް ތުހުމަތު ކުރެއްވި އެވެ. އެގޮތުން 18 ރަށެއް ކުއްޔަށް ދޫކޮށްފައިވާ ކަމަށާ އަދި ބައެއް ލޯނުތައް މާފު ކޮށްދީފަ ހުރިކަމަށް އޭނާ ވިދާޅުވި އެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޙައްމަދު މުއިއްޒު ވަނީ ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތަފްސީލުތައް ހާމަކުރައްވާފަ އެވެ. އެގޮތުން ބިމުގެ ކުލިން ލިބެންޖެހޭ 513 މިލިއަން ޑޮލަރުގެ އިތުރަށް ޓީޖީއެސްޓީގެ ގޮތުގައި 130 މިލިއަން ޑޮލަރު ދައުލަތަށް ނުލިބި ހުރިކަމަށާ އަދި ޖީއެސްޓީގެ ގޮތުގައި 3.3 ބިލިއަން ޑޮލަރު, އިންކަމް ޓެކްސްގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ނުލިބި ހުރިއިރު ދައުލަތަށް ލިބެންޖެހި ނުލިބޭ ފައިސާގެ ޖުމްލަ އަދަދު 13 ބިލިއަން ޑޮލަރަށް އަރާ ކަމަށް ރައީސް ވިދާޅުވި އެވެ.