ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު މެލޭޝިއާ އެއާލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އަލުން މިއަދު ފަށައިފި އެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް ފެށީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރް އިންޓަނޭޝަނަލް އެއާޕޯޓުން 168 ފަސިންޖަރުންނާއެކު އެވެ. އެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ މިއަދު މެންދުރު 11:20 ގަ އެވެ.

މެލޭޝިއާ އެއާލައިންސްއަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީ އާއި، ޓްރާންސްޕޯޓް މިނިސްޓްރީ އާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ އިތުރުން މެލޭޝިއާ އެއާލައިންސްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މެލޭޝިއާ އެއާލައިންސްއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށާއި މެލޭޝިއާ އެއާލައިންސްއިން ދަތުރުތައް ފެށުމުން، ރާއްޖޭގެ ފަތުރުވެރިކަމަށާއި އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އޮސްޓްރޭލިއާ އާއި ނިއުޒީލެންޑް ހިމެނޭ އޯޝޭނިއާ ރީޖަން އިން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަން އަމީން ފާހަގަކުރެއްވި އެވެ.

ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު މެލޭޝިއާ އެއާލައިންސް (އެމްއެޗް) ރާއްޖެއަށް ދަތުރުތައް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ބައިވެރިވަނީ. ފޮޓޯ: އެމްއޭސީއެލް

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ގެންނަންޖެހޭ މުހިންމު އެއް ބަދަލަކީ، ރާއްޖެއަށް ބޮޑެތި އެއާލައިންތައް އަންނަމުންދާއިރު، އެ ފަރާތްތަކުގެ ގްރައުންޑް ސާވިސް އޭޖެންޓް (ޖީއެސްއޭ) ނުވަތަ ހޭންޑްލިން އޭޖެންޓަކީ ދިވެހި ކުންފުނިތަކަށް ހެދުން ކަމަށެވެ. އެގޮތުން ދިވެހިންނަށް ޖީއެސްއޭގެ ނަފާ ލިބޭނެ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ކުރު މުއްދަތެއްގެ ތެރޭގައި ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް ފެށުން ފާހަގަކުރުމުގެ ގޮތުން، އެ އެއާލައިންގެ ޗެކިން ފަށާފައި ވަނީ ވެސް ޚާއްސަ ހަރަކާތަކުންނެވެ. އެގޮތުން މެލޭޝިއާ އެއާލައިންސްގެ ޗެކިން ކައުންޓަރު ހުޅުއްވައިދެއްވީ މެލޭޝިއާ އެއާލައިންސްގެ އިސްވެރިންނާއި އެމްއޭސީއެލްގެ ޓާމިނަލް އަދި ޕަސެންޖާ ސާވިސްގެ ޑެޕިއުޓީ ޗީފް އޮފިސަރުންނެވެ.

ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖެއަށް އަލުން ދަތުރުތައް ފެށި މެލޭޝިއާ އެއާލައިންސުން މިއަދު އައި ޓޫރިސްޓުންނަށް އެއާޕޯޓުން މަރުހަބާ ކިޔަނީ. ފޮޓޯ: އެމްއޭސީއެލް

މެލޭޝިއާ އެއާލައިންސްއިން ދަތުރުތައް ފެށުން ފާހަގަކުރައްވާ، އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ މެލޭޝިއާ އާއި ރާއްޖެއާއި ދެމެދު ކުރާ ވައިގެ ދަތުރުތައް މެލޭޝިއާ އެއާލައިންސްއާއެކު އިތުރުވެގެން ދިޔުމަކީ އިގްތިސާދީގޮތުން ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތްކުރާނީ އެއާލައިންތަކާއި ފަސިންޖަރުންނަށް ފަސޭހަ މާހައުލެއް ގާއިމްކޮށްދީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖެއަށް އަލުން ދަތުރުތައް ފެށި މެލޭޝިއާ އެއާލައިންސުން މިއަދު އައި ޓޫރިސްޓުންނަށް އެއާޕޯޓުން މަރުހަބާ ކިޔަނީ. ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލް އިން ބުނީ ކޮންމެ ދުވަހަކު ވެސް މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިދަތުރުތަކުގައި ބޭނުންކުރާނީ ބޮއިން 800-737 މަކުރާގެ 174 ސީޓުގެ ފްލައިޓް ކަމަށް ވެސް އެ އެ ކުންފުނިން ބުނެ އެވެ. މެލޭޝިއާ އެއާލައިންސް އިން ރާއްޖެއަށް އެންމެ ފަހުން ދަތުރު ކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ.

މެލޭޝިއާ އެއާލައިންސްގެ އިތުރުން އެ ގައުމުގެ އެއާ އޭޝިއާ އަދި ބަޓިކް އެއާ އިން ރާއްޖެއާ ދެމެދު އަންނަނީ ދަތުރުތައް ކުރަމުންނެވެ.