ދިރާގުން އެންމެ ފަހުގެ ގްލޯބަލް ސުޕަ ހައިވޭ ކަމަށްވާ، ބައިނަލްއަގުވާމީ ސީމީވީ 6 ސަބްމެރިން ކޭބަލް ރާއްޖެއާ ގުޅުވާލައިފި އެވެ.

މިއީ ރާއްޖޭގެ މުވާސަލާތީ ތާރީޚުގައި ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ސިސްޓަމް ކޮންސޯޓިއަމްގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ރާއްޖޭގެ ޑިޖިޓަލް ޚިދުމަތް ދޭ ކުންފުންޏެއް ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ދިރާގުން ބުނިގޮތުގައި ސީމީވީ 6 ސަބްމެރިން ކޭބަލް ސިސްޓަމަކީ ދެކުނު އިރުމަތީ އޭޝިއާ، މެދުއިރުމަތި އަދި ހުޅަނގު ޔޫރަޕް ގުޅުވާލަދޭ ގްލޯބަލް ސުޕަ-ހައިވޭއެކެވެ. އެންމެ ފަހުގެ ކަނޑުއަޑީގެ ކޭބަލް ޓެކްނޮލޮޖީން ފަރުމާކޮށްފައިވާ މި ސިސްޓަމް ސިންގަޕޫރުން ފެށިގެން ފަރަންސޭސިވިލާތާ ދެމެދު އެގާރަ ގައުމެއްގައި ޖައްސާނެ އެވެ. އަދި ދިގުމިނުގައި 19،200 ކިލޯމީޓަރު ހުންނަ މި ސަބްމެރިން ކޭބަލް ސިސްޓަމްގެ ޓްރާންސްމިޝަން ސްޕީޑް ފަށާނީ ވެސް 100 ޓީބީޕީއެސް އިން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ބައިނަލްއަގުވާމީ ސީމީވީ 6 ސަބްމެރިން ކޭބަލް ރާއްޖެއާ ގުޅާލާ ރަސްމިއްޔާތުގައި މިނިސްޓަރު އާދަމް ޝަރީފު އަދި ދިރާގުގެ އިސްވެރިން ބައިވެރިވަނީ. ފޮޓޯ: ދިރާގު

ދިރާގުން ބުނީ މި ގްލޯބަލް ސިސްޓަމްގެ ފުރިހަމަ ބައިވެރިއަކަށްވުމަށް އެ ކުންފުނިން 2021 ވަނަ އަހަރު ދުނިޔޭގެ ބައިނަލްއަގުވާމީ 16 ޓެލްކޯ އަދި ޓެކް ކުންފުންޏެއް ޝާމިލްވާ ކޮންސޯޓިއަމެއްގައި ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން ދިރާގުން މި ކުރި ބޮޑު އިންވެސްޓްމަންޓްގެ ސަބަބުން ދުނިޔޭގެ މުހިންމު އިންޓަނެޓް އެކްސްޗޭންޖް ޕޮއިންޓްތަކާއި ޑޭޓާ ސެންޓަރުތަކާއި ދިވެހިރާއްޖެ ސީދާ ގުޅުވާލެވި، ރާއްޖޭގެ ބައިނަލްއަގުވާމީ ކަނެކްޓިވިޓީ އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅުވެ، މުސްތަގުބަލުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ޚިދުމަތްތައް މިހާރަށް ވުރެ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.

ސީމީވީ 6 ސަބްމެރިން ކޭބަލް ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް، އާދަމް ޝަރީފް އުމަރު އެވެ. މީގެ އިތުރުން ސަރުކާރުގެ ފަރާތުން ޚާއްސަ ދައުވަތު އެރުވި ބޭފުޅުން ވެސް ވަނީ މި އިވެންޓްގައި ބައިވެރިވެވަޑައިގެންފަ އެވެ.

މި އިވެންޓްގައި ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ވިދާޅުވީ ދިރާގަކީ އަބަދުވެސް ރާއްޖޭގެ ޑިޖިޓަލް މާހައުލު ކުރިއަރުވާ އިންގިލާބި ބަދަލުތައް ގެނައުމުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އަދި އެކުންފުނިން ދިވެހި ރައްޔިތުން ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި މުވާސަލާތީ ގޮތުން ގުޅުވާދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެގޮތުން މިއަދު އިފްތިތާހުކުރެވިގެން މިދިޔަ ސީމީވީ 6 ސަބްމެރިން ކޭބަލްއާ އެކު ދުނިޔޭގެ އެކި މައި އިންޓަނެޓް އެކްސްޖޭންޖް ޕޮއިންޓްތަކަށް ދިވެހިރާއްޖެއަށް އެކްސެސް ލިބޭނެ. މީގެ ސަބަބުން އެއްވެސް އެހެނިހެން ގައުމަކަށް ބަރޯސާ ނުވެ، ދުނިޔޭގެ ޑިޖިޓަލް ނެޓްވޯކާއި ރާއްޖެއާ ސީދާ ގުޅުވާލާނެ. އަދި މި ފުރުސަތުގައި، ދުނިޔޭގެ އިންޓަނެޓް ސުޕަ ހައިވޭއާ ރާއްޖެ ގުޅުވާލައި، އަޅުގަނޑުމެންގެ މުވާސަލާތީ ވިއުގަ ހަރުދަނާކޮށް، ރާއްޖޭގެ އިގްތިސޯދީ އަދި އިޖްތިމާއީ ތަރައްގީ ކުރިއަށް އެރުވުމުގައި ދިރާގުން ކުރަމުންދާ ގައުމީ މަސައްކަތަށް އެކުންފުންޏަށް ޝުކުރު އަދާކުރަން،" މިނިސްޓަރު އާދަމް ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ސީމީވީ 6 ސަބްމެރިން ކޭބަލް ރާއްޖެއާ ގުޅާލާ ރަސްމިއްޔާތުގައި މިނިސްޓަރު އާދަމް ޝަރީފު އާއި ސަރުކާރުގެ އިސްވެރިން އަދި ދިރާގުގެ އިސްވެރިން ބައިވެރިވަނީ. ފޮޓޯ: ދިރާގު

ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ގުޅުމުގެ ހައިސިއްޔަތުން، އެ ކުންފުނީގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ ޑިޖިޓަލް ޓްރާންސްފޮމޭޝަނާ އެއްވަރަށް ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް އެންމެ ފަހުގެ ޓެކްނޮލޮޖީތައް ފޯރުކޮށްދިނުން ކަމަށެވެ. އަދި ދިރާގުގެ ޑިޖިޓަލް ނެޓްވޯކް ސީމީވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާ ގުޅާލުމަކީ ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ހަބެއްގެ ގޮތުގައި ރާއްޖެ ގާއިމްކޮށް، ދިރާގުގެ މުވާސަލާތީ ވިއުގަ އިތުރަށް ވަރުގަދަ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ މިފަދަ ގޮތަކަށް ރާއްޖޭގެ ކޭބަލް ބައިނަލްއަގުވާމީ ސިސްޓަމަކާ ސީދާ ގުޅާލެވޭ ފުރަތަމަ ފަހަރު. މިއާ އެކު ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީގެ ސްޕީޑް އިތުރަށް ހަލުވިވެ، ލޭޓެންސީ ކުޑަވެ، މުސްތަގުބަލުގައި ދިރާގުގެ އިންޓަނެޓް ޚިދުމަތުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ،" އިސްމާއިލް ވިދާޅުވި އެވެ.

ސީމީވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ މަސައްކަތް 2026 ވަނަ އަހަރުގެ ކުރީކޮޅުގައި ނިމޭނެ އެވެ.

ދިރާގުން ދަނީ ރާއްޖޭގެ ޑިޖިޓަލް އިންގިލާބު ކުރިއަރުވާ، ޑިޖިޓަލް މުޖުތަމައުތައް ބާރުވެރިކުރުވައި، ދިވެހިރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކުރަމުންނެވެ.