ބ. ދަރަވަންދޫގެ ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތުގެ 85 ޕަސެންޓު ނިމިއްޖެ އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ދަރަވަންދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ 85 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެ އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ޕަންޕް ސްޓޭޝަން ގާއިމްކުރުމުގެ މަސައްކަތް ކަމަށެވެ. ދަރަވަންދޫގެ ނަރުދަމާގެ މަޝްރޫއަށް 49.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްޑަބްލިޔުއެސްސީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ދަރަވަންދޫގައި 9.54 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމު ކުރުމާއި, 780 މީޓަރުގެ ޕަންޕިން ލައިން އަޅާނެ އެވެ. އަދި ތިން ޕަންޕިން ސްޓޭޝަނާއި, ސީ އައުޓް ފޯލް ގާއިމު ކުރުމާއި, ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ. އަދި ނަރުދަމާ ނިޒާމު ހިންގައި، ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.