ށ. ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތުގެ 88 ޕަސެންޓު ނިމިއްޖެ އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ 88 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެ އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ޕަންޕް ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް ކަމަށެވެ. \\

ގޮއިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަށް 86.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްޑަބްލިޔުއެސްސީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ގޮއިދޫގައި 12.07 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމްކުރުމުގެ މަސައްކަތްތާއި ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުމުގެ މަސައްކަތް ވަނީ ނިމިފަ އެވެ. މި މަޝްރޫޢުގެ ދަށުން ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެ އެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 7.29 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމުކުރުމުގެ މަސައްކަތާއި، 1.48 ކިލޯމީޓަރުގެ ޕަންޕިން ލައިން އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެ އެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 4 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެ އެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.