އެމްޕީއެލް އިން މާލޭގެ އިންޑަސްޓްރިއަލް ވިލެޖާ ހަވާލުވެ، އެތަނުން ހެވީ ވެހިކަލަށް ޕާކިން ޖާގަ ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފި އެވެ.

ކުރިން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް ބިން މިހާރު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ އެވެ.

އެމްޕީއެލްއިން ބުނީ މާލެ އިންޑަސްޓްރީއަލް ވިލެޖުގައި ހެވީ ވެހިކަލަށް ޚާއްސަ ޕާކިން ޒޯނެއް ހަދަން ނިންމީ، މާލޭގައި ބޭނުންކުރާ އެފަދަ ވެހިކަލްތައް އިތުރުވުމާއި އެކަމަށް ޚާއްސަ ޕާކިން އޭރިއާއެއް ކަނޑައަޅާފައި ނެތުމުން ކަމަށެވެ. މިކަމަކީ ހެވީ ވެހިކަލް ގެންގުޅޭ ކުންފުނިތަކާ އަމިއްލަ ފަރާތްތަކުންވެސް ބޭނުންވެފައިވާ މުހިންމު ޚިދުމަތެއް ކަމަށް އެމްޕީއެލްއިން ބުނެ އެވެ.

އެމްޕީއެލްއިން ބުނެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން، އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ހެވީ ވެހިކަލަށް ޕާކިން ސްލޮޓް ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެމްޕީއެލްއިން ވަނީ ސްލޮޓްގެ އަދަދުތަކާ އަގުތައް އިޢުލާންކޮށް، އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލާފަ އެވެ.

ހެވީ ވެހިކަލްއަށް ސްލޮޓް ދޫކުރާ އަދަދުތަކާއި އަގުތައް:

  • ކޮމާޝަލް ހާބަރުގައި ރަޖިސްޓްރީކޮށްފައިވާ ޕިކަލް/ ލޮރީ - 100 ސްލޮޓް – 2،000 ރ
  • ބައުޒަރު - 32 ސްލޮޓް – 4،000 ރ
  • ކްރޭން - 4 ސްލޮޓް – 6،000 ރ
  • އެހެނިހެން އުޅަނދުތައް - 30 ސްލޮޓް 4،000ރ

އެމްޕީއެލްއިން ބުނީ ސްލޮޓްތައް ދޫކުރަނީ ފުރަތަމަ އެދޭ ފަރާތްތަކަށް އިސްކަން ދީގެން ކަމަށެވެ. އެހެންކަމުން ސްލޮޓް ކުއްޔަށް ނެގުމަށް އެދޭ ފަރާތްތަކުން، ލިޔުމުން އެމްޕީއެލްއަށް ހުށައެޅުމަށް އެދޭ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އެ ލިޔުމާއެކު ވެހިކަލް ރަޖިސްޓްރީ، އިންޝުއަރެންސް، ރޯޑްވާދިނަސް ހުށައަޅަންޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ތެޔޮ ނުވަތަ ގޭސް އުފުލާ އުޅަނދެއް ނަމަ ޑިފެންސް މިނިސްޓްރީ ނުވަތަ އެމްއެންޑީއެފުން ދީފައިވާ ލިޔުން އަދި ވެރިފަރާތް ނޫނީ އޮޕަރޭޓްކުރާ ފަރާތުގެ އައިޑީ ކާޑާއި ކުންފުނީގެ ރަޖިސްޓްރީ ކޮޕީ ހުށައަޅަން ޖެހޭނެ ކަމަށް އެމްޕީއެލް އިން ބުނެ އެވެ.

މިވަގުތު ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސަމުންދިޔަ ނަމަވެސް އެމްޕީއެލްއިން ވަނީ އިންޑަސްޓްރިއަލް ވިލެޖުގައި ހެވީ ވެހިކަލްތަކަށް ޚާއްސަކޮށް ޕާކިން ޒޯނެއް ވެސް ހަދަން ނިންމާފަ އެވެ. އެ ޒޯން ހަދާނީ ފެންސު ޖަގައިގެން އަދި 24 ގަޑިއިރު ސެކިއުރިޓީގެ ޚިދުމަތް ވެސް ލިބޭ ގޮތަށް ކަމަށް އެ ކުންފުނިން ބުނެ އެވެ. މި މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެކަމަށް އެމްޕީއެލް އިން ބުނެ އެވެ.