ފެނަކައިން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ނަގާފައިވާ ކޮންޓްރެކްޓް މުވައްޒަފުން މިމަހުން ފެށިގެން ދޫކޮށްލަން އެކުންފުނިން ނިންމައިފި އެވެ.

ފެނަކައިން ބުނީ އެކި ރަށްރަށުގައި އެކުންފުނީގެ އިންޖީނުގެ އާއި އޮފީސް އިމާރާތް ކުރުމުގެ މަޝްރޫއުތަކަށް 731 މުވައްޒަފުން ނަގާފައިވާ ކަމަށެވެ. އެކި ސަބަބުތަކާއި ހެދިގެން އެމަޝްރޫއުތައް މިހާރު ހުއްޓިފައި އޮތަސް އެމުވައްޒަފުންނަށް ބަރާބަރަށް މުސާރަ ދެމުން އަންނަ ކަމަށް ފެނަކައިން ބުނެ އެވެ.

ފެނަކައިން ބުނި ގޮތުގައި އެމުވައްޒަފުންގެ މުސާރައަށް 7 މިލިއަން އާއި 9 މިލިއަން ރުފިޔާ ހަރަދުވެ އެވެ.

ފެނަކައިން ނިންމާފައިވަނީ، ޕްރޮޖެކްޓްތަކަށް ކޮންޓްރެކްޓް މުވައްޒަފުން ނެގުމުގެ ބަދަލުގައި އެ މަސައްކަތްތަކަށް ބަޔަކު ހޯދައިގެން ކުރާށެވެ.

ފެނަކައިން ބުނީ މަޝްރޫއުތައް ހިންގަން ބޭނުންވާ ވަސީލަތްތައް އެ ކުންފުނީގައި ނެތް ކަމަށެވެ. އެހެންވެ، މަޝްރޫއުތައް ކުރިއަށްގެންދިޔައީ މެޝިންތައް ކުއްޔަށް ނަގައިގެންނެވެ. އެކަމަކު، އެ ސާމާނުގެ ކުއްޔަށް ފައިސާ ނުދީގެން ބައެއް ކުންފުނިތަކުން މުޒާހަރާ ވެސް ކޮށްފައިވެ އެވެ.

ފެނަކަ ކުންފުނީގައި ވަކި މަސައްކަތަކަށް ހާއްސަ ކޮށްގެން "ކޮންޓްރެކްޓް ސްޓާފުން" ގެ ގޮތުގައި ކުރީގެ ސަރުކާރުން ވަނީ 2،000 މީހުން ނަގައިފަ އެވެ. އޭގެ ތެރެއިން 1،800 މީހުން ނަގާފައި ހުރީ ކުދިކުދި ޕްރޮޖެކްޓްތަކަށް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.