ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ކެއްކުމުގެ އެންމެ ބޮޑު ރިއަލިޓީ ޝޯ، "މާސްޓަ ޝެފް" ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައިސަލް ވިދާޅުވީ ޓޫރިޒަމް ސިނާއަތުގައި ބޮޑު މުސާރަ ލިބޭ މަގާމުތަކަށް ދިވެހިން ނެރުމުގެ ޕްރޮގްރާމެއް ފަށަން ތައްޔާރުވަމުންދާކަމަށާއި، މި މަސައްކަތުގެ ދަށުން ޕީއެސްއެމްއާ ގުޅިގެން ދުނިޔޭގެ މަޝްހޫރު މާސްޓަ ޝެފް ޝޯވް ރާއްޖެއަށް ގެންނަން ދަނީ މަސައްކަތް ކުރަމުންކަމަށެވެ.

މީގެ އިތުރުން ރިސޯޓްތަކުގައި ބޮޑު މުސާރަ ލިބޭ ދިވެހިން އިތުރު ކުރުމުގެ ގޮތުން ޖެނެރަލް މެނޭޖަރުންނާއި ސޭލްސް ޑިރެކްޓަރުން އަދި ޝެފުންގެ ގޮތުގައި ދިވެހިން ހަމަޖެއްސުމަށް ޕްރޮގްރާމެއް ފަށަން ވަނީ ނިންމާފައިކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަން ކުރައްވާނީ ރިސޯޓްތަކުގައި މަސައްކަތް ކުރާ ދިވެހިންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތައް ހިންގައިގެންކަމަށް އޭނާ ވިދާޅުވި އެވެ.

"މާސްޓަ ޝެފް ގެނައުމުގެ މަގުސަދަކީ ޝެފުންގެ ދާއިރާއަށް ދިވެހިން ޝައުގުވެރިކުރުވުން. އެބަޖެހޭ މިިފަދަ ޕްރޮގްރާމެއް ހިންގައިގެން ޝައުގުވެރި ކުރުވަން. ޝެފް ދާއިރާއަކީ ރަނގަޅު މުސާރައެއް ލިބޭ ދާއިރާއެއް. ލަގްޒަރީ ރިސޯޓްތަކުގައި އެބަތިބި 35،000 ޑޮލަރުގެ ސެލެރީ ލިބޭ ވަޒީފާތައް،" ފައިސަލް ވިދާޅުވި އެވެ.

މާސްޓަ ޝެފް ރިއަލިޓީ ޝޯއަކީ 25 އަހަރު ކުރިން ފެށި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޝެފުން ބައިވެރިވެގެން ކުރިއަށްގެންދާ ޝޯއެކެވެ.

ދުނިޔޭގައި ކެއްކުމުގެ އެންމެ ބޮޑު ފްރެންޗައިސް ޝޯ "މާސްޓަ ޝެފް" ރާއްޖޭގައި ބޭއްވުމަށް 2020 ވަނަ އަހަރު ވަނީ ޕީއެސްއެމްއިން ޝޯ ލޯންޗްކޮށް ހަފްލާއެއް ބާއްވާފަ އެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއެކު ޝޯ ކުރިއަށް ނުގެންދެވި ވަނީ ހުއްޓިފަ އެވެ.