ނ. މާފަރު އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މާފަރު އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުالله ޒިޔާދެވެ. އަދި އައިލޭންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު އޮތް 453 އަކަ މީޓަރުގެ ފަޔާ ރޯޑު ތަޅާލުމާއި، 18,660 އަކަ މީޓަރު ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގައި ސަބްބޭސް ތައްޔާރުކޮށް ވެއަރިން ކޯސްއެއް އެޅުމާއި 4,047 އަކަ މީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް ކޮމްޕެކްޓްކުރުމުގެ މަސައްކަތް ހިމެނޭނެ ކަމަށެވެ.

މީގެއިތުރުން އެއާފީލްޑް ލައިޓިން ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ގާތްގަނޑަކަށް 29 މިލިއަން ރުފިޔާގެ މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ 180 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ.

މާފަރު އެއާޕޯޓް ހިންގަނީ އައިލޭންޑް އޭވިއޭޝަން ސާވިސަސް އިންނެވެ.

ޑިސެމްބަރު 1، 2019 ގައި ހުޅުވި އެ އެއާޕޯޓަކީ ޔޫއޭއީގެ އަބޫދާބީ ފަންޑުން ފަންޑުކޮށްގެން ތަރައްގީކުރި އެއާޕޯޓެކެވެ.