މިދިޔަ ޖުލައި މަހު ޓެކުހުން ދައުލަތަށް 2.93 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާއިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި މަހު 2.93 ބިލިއަން ރުފިޔާ އެ އިދާރާއިން ބަލައިގެންފައިވެ އެވެ. އަދި މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 17.1 އިންސައްތަ ދަށް އަދަދެކެވެ. އަދި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ 16.4 އިންސައްތަ އިތުރު އަދަދެކެވެ.

ޖުލައި މަހު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށް ވުރެ ލިބުނު އާމްދަނީ އިތުރުވެފައިވަނީ ރާއްޖެއަށް އެ މަހުގެ ތެރޭ އައި ފަތުރުވެރިންގެ އަދަދު 2.4 ޕަސެންޓް އިތުރުވުމުން ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި، ބޭންކު އިންކަމް ޓެކްސްގެ ދެވަނަ އިންޓަރިމް ޕްރީ ޕޭމަންޓު ޖުލައި މަހުގެތެރޭ ބޭންކުތަކުން ދައްކާފައިވުމުން ކަމަށް މީރާއިން ބުނެ އެވެ.

މި އަހަރުގެ ޖުލައި މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ހިއްސާއަކީ އާމްދަނީން ނަގާ ޓެކްސް އެވެ. އެއީ 1.4 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީންނެވެ. އެއީ 977 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 116 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކްސްގެ ގޮތުގައި 75 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 77 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ރިޕޯޓުގައިވެ އެވެ.

ޖުލައި މަހު ލިބިފައިވާ އާމްދަނީގެ ތެރޭގައި 75 މިލިއަން ޑޮލަރު ހިމެނެ އެވެ.