ދިވެހިން ކެއުމުގައި އާންމުކޮށް ބޭނުންކުރާ ލުނބޯ އަގު ބާޒާރުގައި މައްޗަށް ހިނގައްޖެ އެވެ.

ދަތުރުވެރިންގެ މާރުކޭޓާއި ބާޒާރު މަތީގައި މިއަދު ލުނބޯ ކިލޯއެއް ލިބެން ހުރި 130 ރުފިޔާ އަށެވެ. އަދި ލުނބޯ ކޭހެއް ލިބެން މިހާރު ހުރީ 900 ރުފިޔާއިން މަތީގަ އެވެ.

ކުރިން 35 ރުފިޔާ އަށް ލިބޭ ލުނބޯގެ އަގު މައްޗަށް އުފުލެން ފެށީ މިދިޔަ ހަފްތާގަ އެވެ.

ވިޔަފާރިވެރިން ބުނާ ގޮތުގައި ލުނބޯގެ އަގު މައްޗަށް ގޮސްގެން މި އުޅެނީ ބޭރުން ލިބޭ އަގު ވެސް މަތިވުމުގެ ސަބަބުންނެވެ. ކުރިޔަށް އޮތީ ވިއްސާރަ ދުވަސްތައް ކަމަށް ވުމުން، ލުބޯގެ އަގު ތިރިވާން ނަގާނެ ސީދާ މުއްދަތެއް ނޭނގޭ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ލުނބޯގެ އިތުރުން ބައެއް ތަރުކާރީ އާއި މޭވާގެ ބާއްވަތައް ވެސް އަގު މި ހަފްތާގައި ވަނީ އުފުލިގެން ގޮސްފަ އެވެ. އެގޮތުން ކިއުކައްބާ އާއި ކެރެޓް އާއި ކެބެޖް އަދި ކެޕްސިކަމްގެ އަގު ވެސް ވަނީ އުފުލިފަ އެވެ.

މީގެ އިތުރުން ފޭރާއި މޭބިސްކަދުރު އާއި ފަޅާއި ޖުމްހޫރީމޭވާގެ އަގު ވެސް ވަނީ އުފުލިފަ އެވެ.