ދުނިޔޭގެ އެންމެ ފޯރިގަދަ، އެންމެ ގިނަ ބައެއްގެ މެދުގައި މަގްބޫލު ފުޓުބޯޅަ ލީގު "އިނގިރޭސި ޕްރިމިއާ ލީގު"ގެ އާ ސީޒަން މިރޭ ފެށޭނެ އެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް އެކްސްކްލޫސިވް ރީބްރޯޑްކާސްޓާގެ ހައިސިއްޔަތުން މިލީގުގެ ހުރިހާ މެޗެއް މިއަހަރު ވެސް އައިސް ނެޓްވޯކުގެ ޗެނަލްތައް މެދުވެރިކޮށް މީޑިއާނެޓު ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް ބެލޭނެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ މިސީޒަނުގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 12:00 ގަ އެވެ. މި މެޗުގައި ބައްދަލުކުރާނީ ވަރުގަދަ މެންޗެސްޓާ ޔުނައިޓެޑް އަދި ފުލަމް އެވެ. ލީގުގެ ފުރަތަމަ ބުރުގައި ފާހަގަކޮށްލެވޭ ފޯރިގަދަ މެޗުތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ހޮނިހިރު ދުވަހުގެ ރޭ 9:30 ގައި ވެސްޓް ހަމް އަދި އެސްޓަން ވިލާ ބައްދަލުކުރާއިރު، އާދިއްތަ ދުވަހުގެ ރޭ 8:30 ގައި ލީގުގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭ ހިމެނޭ ޗެލްސީ އަދި މެންޗެސްޓާ ސިޓީގެ ފޯރިގަދަ ކުރިމަތިލުމެއް އޮންނާނެ އެވެ.

ލީގު ޗެމްޕިއަން ގޮތުގައި ތަށި ދިފާއުކުރުމަށް މިފަހަރު ނިކުންނާނީ ވަރުގަދަ މެންޗެސްޓާ ސިޓީ އެވެ. ދެވަނަ ޑިވިޝަނުން ޕްރޮމޯޓްވެ ފާއިތުވި ސީޒަނުގައި ނުކުޅޭ ތިން ޓީމެއް މިފަހަރުގެ ޕްރިމިއާ ލީގު ސީޒަނުގައިގައި ފެނިގެންދާނެ އެވެ. އެއީ ލެސްޓާ ސިޓީ، އިޕްސްވިޗް ޓައުން އަދި ސައުތެމްޕްޓަން އެވެ.

މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ހުރިހާ ޓީމަކުން ވަނީ ބޮޑެތި ޚަރަދުތަކެއްކޮށް، ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފަ އެވެ. އޭގެ ތެރޭގައި އާސެނަލްއާ ގުޅުނު އިޓަލީގެ ކަލިފިއޯރީ، މެންޗެސްޓާ ޔުނައިޓެޑާއި ގުޅުނު ހޮލެންޑް ޑިފެންޑަރު ޑެލިޓް އަދި ޗެލްސީ އާ ގުޅުނު ޕޯޗުގަލް ތަރި ޕެޑްރޯ ނެޓޯ ފާހަގަކޮށްލެވެ އެވެ.

މީޑިއާނެޓުން އަންނަނީ ދިވެހި ފަސްގަނޑުގައި ކުޅޭ ބޮޑެތި ކުޅިވަރު މުބާރާތްތަކުގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުޅޭ ދިވެހިން އެންމެ ގަޔާވާ ކުޅިވަރު މުބާރާތްތައް ދިވެހިންނާ ހަމައަށް ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ދާދި ފަހުންވަނީ ދުނިޔޭގެ އެންމެ ބޮޑު މަލްޓި ސްޕޯޓްސް އިވެންޓް "ޕެރިސް އޮލިމްޕިކްސް" ދިވެހިންނާއި ހަމައަށް ގެނެސްދީފަ އެވެ.

މީޑިއާނެޓްގެ ކަސްޓަމަރުންނަށް ޓީވީ މެދުވެރިކޮށް އަދި މޯބައިލް ޑިވައިސްތައް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެ ވެސް އައިސް ނެޓްވޯކު މެދުވެރިކޮށް މެޗުތައް ބެލޭނެ އެވެ.

ލީގު ފެށުމާ ދިމާކޮށް މީޑިއާނެޓުން ޚާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ. އެގޮތުން ޕެކޭޖު އަޕްގްރޭޑްކޮށްގެން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާ ނެޓުން ބުނެ އެވެ. އިނާމުތަކުގެ ތެރޭގައި 65 އިންޗީގެ ޓީވީ، އެއާޕޮޑްސް ޕްރޯ ސެކަންޑް ޖެން އަދި ގޫގްލް ކްރޯމްކާސްޓް ހިމެނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ 30 ސެޕްޓެމްބަރުގެ ނިޔަލަށެވެ.

މީޑިއާނެޓުން ވަނީ ފުޓުބޯޅައަށް ލޯބިކުރާ ގިނަ ދިވެހިންގެ ތެރޭގައި މަގްބޫލު ފެންޓަސީ ޕްރިމިއާ ލީގެއް ވެސް ތަޢާރަފްކޮށްފަ އެވެ. ފެންޓަސީ ލީގުގެ ކޮންމެ މަހެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް 5،000 ރުފިޔާގެ އަގުހުރި އިނާމެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މިއީ ރާއްޖޭގައި މިއަހަރުގެ އެންމެ އަގުހުރި ފެންޓަސީ ލީގުކަން ފާހަގަކޮށްލެވެ އެވެ.