ފަތުރުވެރިކަމުގެ ދާއިރާއިން އައްޑޫ ޕްރޮމޯޓު ކުރުމަށް އެންމެ ރަނގަޅު އެއް މަންޒިލަކީ އިނގިރޭސިވިލާތް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި "ޑެސްޓިނޭޝަން އައްޑޫ-ސަމިޓް 2024" ގައި މިނިސްޓަރު ފައިސަލް ވިދާޅުވީ، އައްޑުއަކީ ތާރީހީ ގޮތުން އިނގިރޭސިވިލާތާ ގުޅުން އޮތް ގައުމެއް ކަމަށެވެ. އެހެންކަމުން، އެންމެ ރަނގަޅުގޮތަކީ އެ ގައުމުގައި އައްޑޫ ޕްރޮމޯޓްކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އެ ގައުމުގައި އިނގިރޭސިން ހަދާފައިވާ އިމާރާތްތައް އަލުން މަރާމާތުކުރަން ނިންމާފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިނގިރޭސިވިލާތުގައި ބާއްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި އައްޑޫ ސިޓީ ކައުންސިލުން ބައިވެރިވުމަކީ އައްޑޫގެ ފަތުރުވެރިކަމަށް ވަރަށް ފައިދާހުރި ކަމެއް ކަމަށެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށް ޝަންގްރިއްލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުމަށް ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ޝަންގްރިއްލާ ރިސޯޓް އަލުން އޮޕަރޭޝަނަށް ގެނައުމަށް މަގުފަހިކުރުމުގެ ގޮތުން އެ ރިސޯޓްގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލަން ކަމާ ބެހޭ އެއްވަސްވުމެއްގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ސޮއިކޮށްފަ އެވެ.

އައްޑޫގެ ޓޫރިޒަމް ހިންގާނެ ގޮތުގެ ހާއްސަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

އެ ސަމިޓްގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އެ ސިޓީގައި ނުހިންގޭ ޓޫރިޒަމެއް އެހެން ތަނެއްގައި ވަކި ނުހިންގޭނެ ކަމަށެވެ. ސަބަބަކީ އައްޑޫ ހިމެނޭ ސަރަހައްދަކީ އަމިއްލަ ވަންތަ ސިފަތަކުގެ އިތުރުން އިންސާނީ ވަސީލަތްތައް ވެސް އެންމެ ގިނަ އެ ސަރަހައްދު ކަމުގައިވާތީ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އއ. ތޮއްޑޫ ފަދަ ރަށްތަކެކޭ އެއްގޮތަށް އައްޑޫ ސިޓީގެ ވިޔަފާރިވެރިން ވެސް އެ ސިޓީގައި ފަތުރުވެރިކަމަށް އިންވެސްޓްކޮށްދިނުމަށް މޭޔަރު މިއަދު ވަނީ އެދިވަޑައިގެންފަ އެވެ.