ކޮންމެ ދޮޅު އަހަރަކުން ބިދޭސީންގެ ވޯކް ޕާމިޓް ބޮޑު ކުރުމުގެ އިޚްތިޔާރު، ކަމާބެހޭ މިނިސްޓްރީއަށް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މި ބިލު ފާސްކޮށްފައި ވަނީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން މި ބިލު ދިރާސާކޮށް، ތަޅުމަށް ހުށަހެޅި ގޮތަށެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށައެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ.

މިއަދުގެ ޖަލްސާގައި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އެހުމުން ބިލު ފާސްވީ، ހާޒިރުވި 75 މެމްބަރުން ތެރެއިން 65 މެންބަރުންގެ އަޤްލަބިއްޔަތުންނެވެ. ބިލު ފާސްކުރުމަށް ނުފެންނަ ކަމަށް 10 މެންބަރަކު ވޯޓު ދެއްވި އެވެ.

ވަޒީފާއާބެހޭ ގާނޫނުގައި މީގެ ކުރިން އޮންނަ ގޮތުން ކޯޓާ ފީގެ ގޮތުގައި އަހަރަކަށް 2,000 ރުފިޔާ، ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ އިދާރާއަކަށް ދައްކަންވާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ (ވޯކް ޕަރމިޓް) ފީގެ ގޮތުގައި މަހަކު 350 ރުފިޔާ ދައްކަންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

އެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން މަދުވެގެން ކޮންމެ ތިން އަހަރަކުން އެއް ފަހަރު، އަދި ގިނަވެގެން 18 މަސްދުވަހުގެ މުއްދަތަކަށް ވުރެ ކުރުނުވާނެ ގޮތެއްގެ މަތިން މުރާޖައާކޮށް، ވޯކް ޕާމިޓާއި ބިދޭސީންގެ ކޯޓާ ފީއަށް ގެންނަންޖެހޭ ބަދަލުތައް ގެނެވިދާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި މުރާޖަައާކުރުުމަށްފަހު ކަނޑައަޅާ ފީ، އެއިރެއްގައި ކަނޑައަޅާފައިވާ ފީގެ 30 އިންސައްތައަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ. އެހެންކަމުން މިހާރު މި އިސްލާހުގައިވާ ގޮތުން ދޮޅު އަހަރުގެ ތެރޭގައި ބިދޭސީންގެ ކޯޓާ އަދި ވާކް ޕާމިޓް ފީ، ބޮޑު ނުވަތަ ކުޑަ ކުރުމުގެ އިހުތިޔާރު ކަމާބެހޭ ވުޒާރާއަށް ލިބިގެންވެ އެވެ.

އެހެންނަމަވެސް އެއްވެސް ފީއެއް ބޮޑުކުރެވޭނީ އެއިއްރެއްގައި ކަނޑައަޅާފައިވާ ފީގެ 30 އިންސައްތައަށް ވުރެ އިތުރުނުވާނެ އަދަދަކަށެވެ. ފީ ކުޑަކުރުމުގައި އަމަލުކުރަންޖެހޭ ވަކި މިންގަނޑެއް އިސްލާހުގައި ކަނޑައަޅާފައިނުވެ އެވެ.