ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) 2024 ގައި ބައިވެރިވުމަށް ރަޖިސްޓާވުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގައި ދިރާގުން ވަނީ 5K، 10K އަދި ހާފް މެރެތަން ކެޓެގަރީތަކުގެ ރަޖިސްޓްރޭޝަން ހުޅުވާލާފަ އެވެ. މީގެ އިތުރުން ދިރާގުން ވަނީ މިއަހަރުގެ ޑީއެމްއާރުއާރުގައި މުޅިން އާ އޮފީސް/ ރިސޯޓް ކެޓެގަރީއެއް ވެސް ތައާރަފްކޮށްފަ އެވެ. ރަޖިސްޓާ ކުރަން ބޭނުންވާ ފަރާތްތަކަށް މި ލިންކް މެދުވެރިކޮށް މިހާރު ރެޖިސްޓާ ކުރެވޭނެ އެވެ.

މި ރޭހަކީ ކޮންމެ އަހަރަކު ވެސް ވަނަ ވަނައަށް އަންނަ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމްތަކެއް ދެވިގެންދާ ރޭހެކެވެ. މިގޮތުން މިއަހަރުގެ ރޭހުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ޖުމްލަ 256،000 ރުފިޔާ ދިނުމަށް ދިރާގުން ވަނީ ނިންމާފަ އެވެ.

ޑީއެމްއާރުއާރުއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން އިންތިޒާރުކުރާ ދުވުމުގެ އިވެންޓެވެ. އެގޮތުން މިއަހަރު މި ފާހަގަކުރަނީ މި ރޭހުގެ 15 ވަނަ އެޑިޝަން އެވެ. މި ދުވުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޫބަރު 25 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގަ އެވެ.

ދިރާގުގެ ޑިރެކްޓަ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ވާދަވެރި ދުވުމާއި ގިނަމީހުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ދުވުމުގެ ސަގާފަތެއް ބިނާވެ ދުޅަހެޔޮ ސިއްހަތު ކުރިއެރުވުމަށް، ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުން ކަމަށެވެ.

"މި ދުވުމުގެ ފަނަރަވަނަ ސިލްސިލާ މިފަހަރު ބޭއްވިގެންދާއިރު މުޅިން އަލަށް ތައާރަފްކުރެވޭ އޮފީސް/ރިސޯޓް ޓީމްކެޓެގަރީ ހިމަނާފައިވާނެ. މީގެ މަގުސްދަކީ އޮފީސްތަކާއި ރިސޯޓްތަށް ޓީމެއްގެ ގޮތުގައި އެ މުއަށްސަސާގެ މުވަޒަފުންނަށް، ތަމްސީލިކުރުމުގެ ފުރުސަތު ވާދަވެރި މާހައުލެއްގައި ހުޅުވައިލުން،" އޭނާ ވިދާޅުވި އެވެ.

ޑީއެމްއާރުއާރުއަކީ އަކީ ވޯރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. މި ދުވުމުގެ އިވެންޓުގައި ސަރަހައްދީ ގައުމުތަކުގެ ދުވުންތެރިން ވެސް ބައިވެރިވެ އެވެ. މިދިޔަ އަހަރު 27 ގައުމެއްގެ މީހުން ވަނީ ޑީއެމްއާރުއާރުގައި ބައިވެރިވެފަ އެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން، ޑީ.އެމް.އާރް.އާރް 2024 އަކީވެސް ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެގޮތުން ދިރާގުން މި އަހަރުގެ އިވެންޓުގައި އެންޑޯރސްކޮށްފައިވާ 12 އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ 5 ޖަމިއްޔާއަކަށް އެ ފަރާތްތަށް ރޭވިފައިވާ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ 200،000 ރުފިޔާގެ ފައިސާގެ އެހީތެރިކަން ދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ހަމަހަމަކޮށް އެންޑޯސްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށް ވެސް އެކުންފުނިން ވަނީ ނިންމާފަ އެވެ. މިގޮތުން މިދިޔަ އަހަރުގެ ޕާޓްނަރު އެންޖީއޯތަކަށް ދިރާގުން ވަނީ ޖުމްލަ 635،000 ރުފިޔާ ހަދިޔާ ކޮށްފަ އެވެ.

ޑީއެމްއާރުއާރުގެ ރަޖިސްޓްރޭޝަން ދިރާގުން މިހާރުވަނީ ހުޅުވާލާފަ އެވެ. އަދި 4000 ބައިވެރިންގެ ލިމިޓް ހަމަވަންދެކަށް މި އިވެންޓްގައި ރަޖިސްޓާކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ އެވެ.