އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަބްދުﷲ ޒިޔާދު މިއަދު އެ މަގާމުން ވަކިކޮށް އެންވަޔަރުމަންޓްގެ ސްޓޭޓް މިނިސްޓަރު ކަމަށް ހަމަޖައްސަވައިފި އެވެ.

ޒިޔާދު "ހުރިހާ"އަށް ވިދާޅުވީ އެމްޓީސީސީގެ ސީއީއޯގެ މަގާމުން ވަކިކުރުމަށްފަހު އެންވަޔަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަންކުރި ކަން ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ. ނަމަވެސް މަގާމުން ވަކިކުރި ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.

ޒިޔާދު ސީއީއޯކަމުން ވަކިކުރުމަށްފަހު އެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީ ވަނީ އައްޔަންކޮށްފަ އެވެ.

އެމްޓީސީސީގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް ޒިޔާދު އައްޔަންކުރީ ނޮވެމްބަރު 28، 2023 ގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޒިޔާދު ހުންނެވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެމްޓީސީސީން ހިންގަމުން ދިޔަ ގިނަ މަޝްރޫއުތަކެއް މާލީ ހާލަތު ދަށްވެގެން ވަނީ ހުއްޓާލައިފަ އެވެ.