ސަރުކާރުން އަލަށް އުފެއްދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ބޯޑަށް ތިން މީހަކު އައްޔަންކޮށްފި އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ބުނީ އެ ބޭންކުގެ ބޯޑަށް މއ. ވޭސައިޑް 508 ފްލެޓް، އަހުމަދު ސައީދު އައްޔަންކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އެ ބޭންކުގެ ބޯޑަށް ބޭރުގެ ދެ މީހަކު ވެސް އައްޔަންކޮށްފައިވެ އެވެ. އެއީ ސިންގަޕޫރުގެ ސައީދު އަބްދުއް ނާސިރު ބިން ސައީދު އަލްޖުނައިދު އާއި އިނގިރޭސިވިލާތުގެ މީހެއް ކަމަށްވާ ރޮބަޓް ޑެނިއަލް ކާންޓް އެވެ. ނަމަވެސް އެ ކުންފުނީގެ ޗެއާމަނެއް އަދި ސީއީއޯއެއް އައްޔަން ނުކުރެ އެވެ.

ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ރައީސް މުހައްމަދު މުއިއްޒު އެ ބޭންކު އުފެއްދީ މިދިޔަ މޭ މަހު 16 ވަނަ ދުވަހު އެވެ. އަދި ޑިވެލޮޕްމަންޓް ބޭންކު ހިންގުމުގެ ލައިސަންސް ހޯދަން އެމްއެމެއޭގައި އެދުނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ދާދި ފަހުން ވިދާޅުވީ، ޑިވެލޮޕްމަންޓް ބޭންކްގެ ބޯޑަށް ބޭރުގެ ބޮޑެތި ބޭންކުތައް ހިންގާފައިވާ ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކު މިހާރު ނަގާފައިވާ ކަމަށެވެ. ސަރުކާރުގެ ވިސްނުން ހުރީ ޑިވެލޮޕްމަންޓު ބޭންކަށް ބޭރުގެ ސީއީއޯއެއް ނެގުމަށެވެ.

އެއީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީ އަށް އިންވެސްޓު ކުރުމާއި އުމްރާނީ ތަރައްގީ އަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭނުންކުރާނެ ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އެ ކުންފުނި އުފެއްދީ ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށާއި ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގަ އެވެ.

"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެހަކީ، މިނިސްޓްރީ އޮފް ފިނޭންސް، އަމީނީމަގު، 20379، މާލެ، ދިވެހިރާއްޖެ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.

ރާއްޖޭގައި ޑިވެލޮޕްމެންޓް ބޭންކެއް އުފެއްދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ގާނޫނާއި ގަވައިދުތައް އެކުލަވައިލުމަށް މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީ (މިފްޒާ)ގެ ނަމުގައި ހާއްސަ އޮތޯރިޓީއެއް ވެސް އުފައްދައިފަ އެވެ. އެ އޮތޯރިޓީ އަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް ބޭރުގެ ފަރާތްތަކާ އެކު ވެސް ސަރުކާރުން މަޝްވަރާ ކުރި އެވެ.