ހުޅުމާލެ ދެވަނަ ފިޔަވަހީގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރު އިއްޔެ ހަވީރު ހުޅުވައިފި އެވެ.

އުރީދޫން ބުނީ އާ ސެންޓަރަކީ އެ ފޭސް 2ގެ ސަރަހައްދުގެ ކަސްޓަމަރުންނަށް ފަސޭހައިން ޚިދުމަތް ދިނުމަށްޓަކައި ތައްޔާރުކޮށް ހުޅުވާފައިވާ ސެންޓަރެއް ކަމަށާއި، އުރީދޫގެ އެހެން އެކްސްޕީރިއަންސް ސެންޓަރުތަކުން ވެސް ލިބޭ ހުރިހާ ހިދުމަތާއި އެހީތެރިކަން ކަސްޓާމަރުންނަށް ލިބޭނެ ކަމަށް ބުނެ އެވެ. އޯއީސީ ހުންނާނީ ވިނަރެސް ވީ6-ޖީ-03ގަ އެވެ.

ކަސްޓަމަރުންގެ ތަޖުރިބާ ރަގަޅުކޮށް ޚިދުމަތްތަކުގެ މައުލޫމާތު ފަސޭހައިން ފޯރުކޮށްދިނުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭ ފޭސް 2 އެކްސްޕީރިއަންސް ސެންޓަރުން ރައްޔިތުންނަށް ސިމްކާޑު ރަޖިސްޓްރީ ކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޑިވައިސް ގަތުމާއި ޕާސަނަލައިޒްޑް ކަސްޓަމާ ސަޕޯޓް ފަދަ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ސެންޓަރަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ކަސްޓަމަރުންނަށް ބޭނުންވާ ޓެލެކޮމިއުނިކޭޝަން ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބި ތަމްރީނު ލިބިފައިވާ ފަންނުވެރިންގެ ޓީމަކުން މަސައްކަތްކުރާ ސެންޓަރެއް ކަމަށް ވެސް އުރީދޫން ބުނެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހެދި އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރު. ފޮޓޯ: އުރީދޫ

އާ ސެންޓަރަކީ އިން ޕާސަން ހިދުމަތް ދިނުމުގެ އިތުރުން އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިރުޝާދު ދީ، އެމް-ފައިސާ މޮބައިލް ޕޭމަންޓް، އުރީދޫ އެޕް ބޭނުންކުރާނެ ގޮތް ކަސްޓާމަރުންނަށް ކިޔައިދޭނެ ތަނެކެވެ.

ދެވަނަ ފިޔަވަހީގެ ވިނަރެސްގައި ހުންނަ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރު 1:00 އިން ހަވީރު 4:00 އަށެވެ.