ރިއަލް މެޑްރިޑް، ބާސެލޯނާ، އެޓްލެޓިކޯ މެޑްރިޑް ފަދަ ދުނިޔޭގެ އެންމެ ބޮޑެތި ފުޓުބޯޅަ ތަރިން ހިމެނޭ ޓީމުތައް ކުޅޭ ފުޓުބޯޅަ ލީގު، ސްޕެނިޝް ލީގުގެ މެޗްތައް އައިސް ނެޓްވޯކުގެ ޗެނަލްތައް މެދުވެރިކޮށް މީޑިއާނެޓް ޚިދުމަތުން ދިވެހިންނަށް ފެންނާނެ އެވެ.

އާ ސީޒަނާ ކުރިމަތިލާއިރު ފުޓުބޯޅައިގެ ދުނިޔޭގެ ބޮޑެތި ނަންތަކެއް މިއަހަރު މިލީގުން ފެނިގެންދާނެ އެވެ. އެގޮތުން މިވަގުތު ދުނިޔޭގަ ހުރި އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ފްރާންސްގެ ކިލިއަން އެމްބާޕޭ ވަނީ ރިއަލް މެޑްރިޑާ ގުޅިފަ އެވެ. މީގެ އިތުރުން ޒުވާން ތަރިން ކަމުގައިވާ ބްރެޒިލްގެ އެންޑްރިކް އަދި ތުރުކިޔޭގެ އާދާ ގުލާ ވެސް ރިއަލް މެޑްރިޑްއިން ފެނިގެންދާނެ އެވެ.

ބާސެލޯނާއަށް ބަލާއިރު ޔޫރޯ ޗެމްޕިއަންކަން ހޯދި ސްޕެއިން ޓީމުގައި އެންމެ އިސް ރޯލެއް އަދާކޮށް ރަންބޫޓު ހާސިލްކުރި ސްޕެއިންގެ ޑެނީ އޮލްމޯ ވަނީ އެޓީމާ ގުޅިފަ އެވެ. އެހެންކަމުން ސްޕެއިން ދެ ތަރިން ކަމަށްވާ ލަމީން ޔަމާލް އަދި ޑެނީ އޮލްމޯގެ މޮޅު ކުޅުން ބާސެލޯނާ ޓީމުން ފެނިގެންދާނެ އެވެ.

އެޓްލެޓިކޯ މެޑްރިޑަށް އަލަށް ގުޅުނު އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާއަކީ މެންޗެސްޓާ ސިޓީ އިން އެޓީމަށް ބަދަލުވި އާޖެންޓީނާގެ ފޯވަޑް ޖޫލިއަން އަލްވަރޭޒް އެވެ.

ސްޕެނިޝް ލަލީގާގެ މިރޭ މެޗުގައި ބައްދަލުކުރާނީ ސެލްޓަވިގޯ އަދި ވެލެންސިއާ އެވެ. މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 10:00 ގަ އެވެ. ގަދަ ޓީމްތަކަށް ބަލާއިރު ބާސެލޯނާގެ މެޗެއް އޮތީ މާދަމާ ރޭގަނޑު 10:00 ގައި އެތްކެޓިކް ކްލަބާއެކުގަ އެވެ. އަދި ރިއަލް މެޑްރިޑް މެޗް އޮތީ އާދިއްތަ ދުވަހުގެ ރޭގަނޑު 8 ޖަހާއިރު އެވެ.

ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ ލީގުގެ މެޗުތައް ދިވެހިންނާއި ހިސާބަށް ގެނެސްދިނުމަށް މީޑިއާނެޓުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދާދި ފަހުން ނިމުނު ނިމިގެންދިޔަ ދުނިޔޭގެ އެންމެ ބޮޑު މަލްޓި ސްޕޯޓްސް އިވެންޓް "ޕެރިސް އޮލިމްޕިކްސް 2024" ވެސް ވަނީ އައިސް ނެޓްވޯކުގެ ޗެނަލްތައް މެދުވެރިކޮށް މީޑިއާނެޓުން ގެނެސްދީފަ އެވެ.

މީޑިއާނެޓު ކަސްޓަމަރުންނަށް ޓީވީ މެދުވެރިކޮށް އަދި މޯބައިލް ޑިވައިސްތައް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެވެސް އައިސް ނެޓްވޯކު މެދުވެރިކޮށް ލަލީގާގެ މެޗުތައް ވަގުތުން ބެލޭނެ އެވެ.

ބައިނަލްއަގްވާމީ ފުޓުބޯޅަ ލީގުތައް ފެށުމާ ދިމާކޮށް މީޑިއާނެޓުން ޚާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފަ އެވެ. އެގޮތުން ޕެކޭޖު އަޕްގްރޭޑްކޮށްގެން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އިނާމުތަކުގެ ތެރޭގައި 65 އިންޗީގެ ޓީވީ، އެއާޕޮޑްސް ޕްރޯ ސެކަންޑް ޖެން އަދި ގޫގްލް ކްރޯމްކާސްޓް ހިމެނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 30 ސެޕްޓެމްބަރުގެ ނިޔަލަށެވެ.