ރާއްޖޭން ބޭރުގެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކި ޑީފޯލްޓަކަށް ދިޔުމުގެ ފުރުސަތު މިހާރު ވަރަށް ބޮޑު ކަމަށް ބުނެ ދުނިޔޭގެ އެންމެ އިތުބާރު ހިފޭ ކްރިޑިޓް ރޭޓިން އެޖެންސީ، ފިޗްއިން ރާއްޖޭގެ ރޭޓިން އަނެއްކާ ވެސް ވަރަށް ބޮޑަށް ދަށްކޮށްފި އެވެ.

ފިޗް ރޭޓިންސް އިން މިފަހަރު ރާއްޖެއަށް ދިނީ "ސީސީ" ރޭޓިން އެވެ.

މިއީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ ރޭޓިން ދަށްކުރި ދެ ވަނަ ފަހަރެވެ. ރާއްޖޭގެ މާލީ ހާލަތަށް ބަލައި މިދިޔަ ޖޫން މަހު ފިޗް އިން ރާއްޖޭގެ ރޭޓިން "ސީސީސީ ޕްލަސް" އަށް ދަށްކުރި އެވެ. އޭގެ ކުރިން، ރާއްޖެ އަށް ސީސީސީ ރޭޓިން އެއް ދީފައި ވަނީ ކޮވިޑުގެ ދުވަސްވަރެވެ. ފާއިތުވި ދެ އަހަރު ރާއްޖޭގެ ރޭޓިންއެއްގެ ގޮތުގައި ފިޗުން ކަނޑައެޅީ "ބީ ނެގެޓިވް" އެވެ.

މިއަދު ދިން ރޭޓިން އަކީ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ތިން ދަރަޖަ ދަށްކޮށް ދީފައިވާ ރޭޓިން އެކެވެ. މިއާ ރޭޓިންއާއެކު ރާއްޖެއަކީ ބަނގުރޫޓުވުމުގެ ފުރުސަތު ބޮޑު ގައުމެެއްގެ ގޮތުގައި ފިޗުން ވަނީ ފާހަގަކޮށްފަ އެވެ.

ފިޗް އިން ބުނީ މިދިޔަ މެއި މަހު 494 މިލިއަން ޑޮލަރުގައި ހުރި ބޭރު ފައިސާގެ ރިޒާވް، ޖުލައި މަހާ ހަމައަށް 395 މިލިއަން ޑޮލަރަށް ދަށްވެފައިވާ ކަމަށެވެ.

ފިޗުގެ ރޭޓިންސް އާންމުކޮށް ނެރެނީ 12-18 މަސް ތެރޭގަ އެވެ. އެކަމަކު، އިގުތިސާދަށް ކުރިމަތިވާ ބޮޑެތި ހާލަތްތަކުގައި ގައުމުތަކުގެ އިގުތިސާދު ރިވިއުކޮށް، ރޭޓިން ބަދަލުކުރެ އެވެ.

މިދިޔަ ޖޫން މަހު ނެރުނު ފިޗް ރޭޓިންގައި ދައުލަތުގެ އޭރުގެ ދަރަނީގެ ހާލަރު ރަނގަޅުކޮށް އިސްލާހީ ފިޔަވަޅުތައް އަވަސް ކުރުމަށް ގޮވާލާފައި ވެ އެވެ. އިސްލާހީ ފިޔަވަޅުތައް ސަރުކާރުން އިއުލާން ކޮށްފައިވީ ނަމަވެސް އަދި އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ނުކުރެ އެވެ.