މާލެ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން، ކަރަންޓް ވަޔާ ކުރުމަށް ބޭނުންވާ ކޮންޑުއިޓް ޕައިޕް ރާއްޖޭގައި އަލަށް އުފައްދާ، ބާޒާރަށް ނެރެފި އެވެ.

އެމްޑަބްލިޔުއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮންޑުއިޓް ޕައިޕް ބާޒާރަށް ނެރެދެއްވީ ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވާކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު އެވެ.

އެމްޑަބްލިޔުއެސްސީ އިން ގުޅީފަޅުގައި 2015 ވަނަ އަހަރު ގާއިމްކޮށްފައިވާ ހޮޅި އުފައްދާ ކާރުޚާނާއިން ފަސް ސައިޒެއްގެ، ފެންވަރު ރަނގަޅު، ކޮންޑުއިޓް ހޮޅި އުފައްދައި ބާޒާރަށް ވަނީ ނެރެފަ އެވެ. މިގޮތުން، ކަރަންޓް ވަޔަރިންގެ އެކި މަސައްކަތްތަކުގެ ބޭނުމަށް އުފައްދާ ތަފާތު ހަތަރު ސައިޒުގެ ތެރޭގައި؛ 16 މިލިމީޓަރާއި، 20 މިލިމީޓަރާއި، 25 މިލިމީޓަރާއި، 32 މިލިމީޓަރުގެ އިތުރުން 40 މިލިމީޓަރުގެ އެކި ކުލައިގެ ކޮންޑުއިޓް ހޮޅި ހިމެނެ އެވެ.

އެމްޑަބްލިޔުއެސްސީގެ ހޮޅި އުފައްދާ ކާރުޙާނާއަކީ އައި.އެސް އޯ 9001 އަށް ސެޓިފައި ކުރެވިފައިވާ ކާރުޙާނާއެކެވެ.

ރާއްޖޭގައި ކޮންޑުއިޓް ހޮޅި އުފައްދައި ބަޒާރަށް ނެރެ ވިއްކަން ފެށުމުން، ރާއްޖޭގެ ގެދޮރު ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ކޮންސްޓްރަކްޝަން ކުންފުނިތަކާއި، ހާޑްވެއާ ފިހާރަތަކަށް އެކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މިގޮތުން، ރާއްޖެ އިން ބޭރުން ހޮޅި ގެނައުމުގައި ލަސްވާ ލަސްވުން ފަދަ ކަންކަމުން ދިމާވާ ދަތިތައް ކުޑަކުރުމަށް އެހީތެރިވެ، އަދި ރާއްޖޭގެ އިޤްތިސާދަށް މިކަމުގެ ހެޔޮ އަސަރު ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެ އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުންފުނީގެ އުފެއްދުންތެރިކަން އެއްދުވަހުން އަނެއްދުވަހަށް ތަރައްގީކޮށް ކުރި އަރުވައި، އޭގެ މަންފާ އާއި ލާބަ ކުންފުންޏަށާއި ދިވެހި މުޖްތަމަޢު އަށް ފޯރުކޮށްދިނުން ކަމަށެވެ.