ގަވާއިދާ ޚިލާފަށް މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީން ދެނެގަތުމަށް މިދިޔަ ބުދަ ދުވަހު ހިންގި ހާއްސަ ހަރަކާތުގައި ވިސާ ފުރިހަމަ ނޫން 273 ބިދޭސީންނަށް ނޯޓިސް ދީފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ހާއްސަ ހަރަކާތެއް މޯލްޑިވްސް އިމިގްރޭޝަނުން ދަނީ ހިންގަމުންނެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު ދެ ގަޑިއިރަށް ކުރިއަށްގެންދިޔަ ޚާއްސަ ހަރަކާތުގައި މާލޭގެ 582 ތަނެއް ބަލައި ފާސްކޮށް، 1،025 ބިދޭސީންނާ ސުވާލުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މި ހަރަކާތުގައި، ވިސާ ފުރިހަމަ ނުވާ 273 ބިދޭސީންނަށް ނޯޓިސް ވަނީ ދީފައިވާކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ. އަދި ގަވާއިދާ ޚިލާފަށް ބިދޭސީންލައްވާ މަސައްކަތްކުރުވި 120 ދިވެހިންނަށް ލިޔުމުން ނަސޭހަތް ދީފައިވާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ.

މި ހަރަކާތުގެ ތެރެއިން ވަނީ، ރާއްޖޭގައި ފިލައިގެން އުޅޭ ކަމަށް ރިޕޯޓު ކޮށްފައިވާ ބިދޭސީންގެ ތެރެއިން 10 މީހަކު ހޯދައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

އިމިގްރޭޝަނުން ކުރިއަތް ގެންދިޔަ މި އޮޕްރޭޝަންގައި ޖުމްލަ 211 އިމިގްރޭޝަން އޮފިސަރުން 52 ގްރޫޕްއަކަށް ބަހާލައި މާލޭގެ 26 ތަނެއް ބަލައި ފާސްކުރި އެވެ.

ރާއްޖޭގައި ގާނޫނާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ސަރުކާރުން ފުޅާ ދާއިރާއެއްގައި އަންނަނީ މިދުވަސްކޮޅު މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން، މާލޭގައި ކުރިއަށްގެންދާ އޮޕަރޭޝަންގެ އިތުރުން، "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި އިތުރު އޮޕަރޭޝަނެއް ފަށާފައިވެ އެވެ.

މި އޮޕަރޭޝަންގެ ދަށުން، މީހުން ދިރިއުޅޭ ރަށްރަށާއި، ޓޫރިސްޓް ރިސޯޓުތަކާއި، ސިނާއީ ރަށްތަކާއި އަދި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެ އެވެ.