މިފްކޯއަށް ކިރާފައިވާ މަހަށް ފައިސާ ދޫނުކުރާ އެތައް ދުވަހެއް ފަހުން މިއަދު އެ ފައިސާ ޖަމާކުރަން ޖަމާކުރަން ފަށާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އިން ބުނެފި އެވެ.

ސަރުކާރުގެ މަސް ކުންފުނިން ބުނީ މިއަދު ޖަމާވާނީ އޯގަސްޓް މަހުގެ 9 އިން 23 އަށް 445 ޓަނަށްވާ ދެ ހަފްތާގެ ފައިސާ ކަމަށެވެ. އެގޮތުން މިއަދު ހަތް މިލިއަން ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން އޯގަސްޓު 24 އިން ސެޕްޓެމްބަރު 9 އާއި ދެމެދަށްވާ 2 ހަފްތާގެ މުއްދަތުގެ ފައިސާ މުއްދަތު ގެ ފައިސާ ދޫކުރާނެ ތަފްސީލް އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ފަހުން އެނގޭނެކަމަށާއި އަދި އެ މުއްދަތު ހަމަވުމުން އެ ފައިސާވެސް ވީހާވެސް އަވަހަށް އޮޑިވެރީންނަށް ޖަމާކޮށްދޭނެކަމަށް މިފްކޯއިން ބުނެ އެވެ.

މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި 1 ޖުލައިއިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސް ގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި، މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ހަމަޖައްސާ އަގުގައިކަން އެ ކުންފުނިން ވަނީ ކަނޑައަޅާފަ އެވެ.

މަސްވެރިން ބާނާ މަހަށް ފައިސާ ނުދެވި ގިނަ ދުވަސްތަކެއްވެ މަސްވެރިން މުޒާހަރާކޮށް ނުރުހުން ފާޅުކުރަން ފެށުމުން މިފްކޯއިން ވަނީ ޖުލައި މަހު މަސްވެރިންގެ ފައިސާދީ ހަލާސްކޮށްފަ އެވެ.