މާލެ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ "ވޯޓާ ސެކިއުރިޓީ ޕްލޭން" ގެ ދަށުން ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކައުކުރެވޭ ތާނގީއެއް ބެހެއްޓުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މިއަދު އެމްޑަބްލިޔުއެސްސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ތާނގީ ބެހެއްޓުމުގެ މަސައްކަތް ފައްޓަވައިދެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު، އަބްދުލް މަތީން މުހައްމަދެވެ. މި ރަސްމިއްޔާތުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ އިސްވެރިންނާއި އެމްޑަބްލިޔުއެސްސީގެ މެނޭޖްމަންޓް ޓީމުން ބައިވެރިވެ ވަޑައިގަތެވެ.

އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން އަމިއްލައަށް ރާވާ، ބަހައްޓާ، 10،000 ޓަނުގެ މި ތާނގީއަކީ، މިހާތަނަށް ބެހެއްޓޭ އެންމެ ބޮޑު ތާނގީއެވެ. މި ތާނގީގެ މަސައްކަތްތައް ނިމުމާއެކު ހުޅުމާލޭގައި ފެން ރައްކައުކުރެވޭ މިންވަރު 22،600 ޓަނަށް އިތުރުވާނެ އެވެ. 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ނިންމުމަށް ތާވަލުކޮށްފައިވާ މި މަޝްރޫއަށް 34.7 މިލިޔަން ރުފިޔާ ހަރަދުވާނެކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫޢުގެ ސަބަބުން ހުޅުމާލޭގައި ފެން ރައްކައުކުރެވޭ މިންވަރު އިތުރުކޮށް، މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެން ފޯރުކޮށްދިނުމަށް، ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

ގްރޭޓާ މާލޭ ސަރަހައްދުގެ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން، އެމްޑަބްލިޔުއެސްސީއިން، ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް، މާލޭގެ ދެ ސަރަހައްދެއްގައި ފެން އުފައްދާ މަރުކަޒުތައް ވަނީ ގާއިމްކޮށްފަ އެވެ. ސިނަމާލެ ބުރިޖު މެދުވެރިކޮށް، އެމްޑަބްލިޔުއެސްސީއިން އަޅާފައިވާ ފެންހޮޅީގެ ޒަރިއްޔާއިން، މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅައިލުމަށް ބޭނުންވާ ޕަމްޕް ސްޓޭޝަންތައް ގާއިމްކުރުމުގެ މަސައްކަތްތަކުގެ އިތުރުން، މާލޭގެ 378 ނަންބަރު ކޮށީގައި ފެން ރައްކައުކުރާ އިތުރު ދެ ތާނގީ ބެހެއްޓުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. މިއީ ގްރޭޓަރ މާލެ ސަރަހައްދުގައި ފެން އުފެއްދުމާއި، ރައްކައުކުރުމާއި، ފެން ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކޮށް، ރައްޔިތުންނަށް ފޯރުކޮށްދެވޭ ފެނުގެ ހިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް އެމްޑަބްލިޔުއެސްސީއިން ފަށައިފައިވާ މުހިންމު މަސައްކަތްތަކެކެވެ.

އެ ކުންފުނީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކައުތެރި ނަރުދަމާގެ ހިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުން ކަމަށް އެމްޑަބްލިޔުއެސްސީއިން ބުންޏެވެ.