ރާއްޖެއިން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކް ނުވަތަ އިސްލާމިކް ބޮންޑް ޑީފޯލްޓްވުމުގެ ބިރު ބޮޑުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު ގެ ސުކޫކު ލިސްޓުކޮށްފައި ވަނީ އަބޫ ދާބީގެ ސްޓޮކް މާކެޓުގަ އެވެ.

ދުނިޔޭގެ މަޝްހޫރު ވިޔަފާރި ނޫސް ބްލޫމްބާގް ނޫހުން ވަނީ ރާއްޖެއިން ވިއްކި ސްކޫކު ޑީފޯލްޓްވުމުގެ ބިރު ބޮޑުވި ސަބަބުތައް ކިޔައިދީފަ އެވެ.

އެ ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި ރާއްޖޭގެ ސުކޫކަށް އިންވެސްޓު ކުރި ފަރާތްތަކުން ސުކޫކް ވިއްކަން ފަށައިފައިވަނީ ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރުމުގެ ސަބަބުންނެވެ. ސުކޫކެއް ޑީފޯލްޓުވާ ފުރަތަމަ ގައުމަކަށް ރާއްޖެ ވުމުގެ ބިރުބޮޑުވެފައިވާ ކަމަށް ވެސް އެ ނޫހުގައި ރިޕޯޓްކޮށްފައިވެ އެވެ.

އެ ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި މިދިޔަ އޮގަސްޓު މަހު ރާއްޖޭގެ ސްކޫކު ޓްރޭޑް ކުރަމުން ގޮސްފައިވަނީ 80 ސެންޓު ރޭޓު ގަ އެވެ. ނަމަވެސް މިވަގުތު ރާއްޖޭގެ ސްކޫކު ޓްރޭޑް ކުރަމުންދަނީ 66 ސެންޓު ގަ އެވެ. ބްލޫމްބާގުން ރިޕޯޓުކުރި ގޮތުގައި މި ވަގުތު އެންމެ ދަށްކޮށް ޓްރޭޑު ކުރަމުންދާ ސުކޫކަކީ ރާއްޖޭގެ ސުކޫކެވެ.

ރާއްޖޭގެ ސްކޫކް ގަތް އިންވެސްޓަރަކު އެ ނޫހަށް ދިން އިންޓަވިއުއެއްގައި ބުނީ ދާދިފަހުން ބީއެމްއެލް އިން އެ ބޭންކުގެ ޑެބިޓް ކާޑުތަކުން ޑޮލަރު މުއާމަލާތް ނުކުރެވޭ ގޮތް ހަދާފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް ޑޮލަރުގެ ތާށިކަން އައިސްފައިވާކަން އެކަމުން އެނގޭ ކަމަށް އެ އިންވެސްޓަރު ބުންޏެވެ.

މީގެއިތުރުން ފިޗުން ރާއްޖޭގެ ރޭޓިން ދަށް ކުރުމުން ރާއްޖޭގެ ފޮރިން ރިޒާވްގައި ތާށި ކަމެއް ހުރިކަން ސާފުވާ ކަމަށް ވެސް އެ އިންވެސްޓަރު ބުންޏެވެ.

މިދިޔަ ހަފުތާގައި ފިޗުން ވަނީ ރާއްޖެ ރޭޓިން "ސީސީސީ ޕްލްސް" އިން "ސީސީ" އަށް ދަށްކޮށްފަ އެވެ. މިއީ މި އަހަރުގެ ތެރޭގައި ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި ދެވަނަ ފަހަރެވެ.

މި ސަރުކާރުގެ ދޯހަޅި އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިތުބާރު ރާއްޖެއަށް ގެއްލި އެކަމުގެ ނޭދެވޭ އަސަރު ދިވެހި އިގްތިސާދަށް ކުރާނެ ކަމުގެ އިންޒާރު އިދިކޮޅު ފަރާތްތަކުން އަންނަނީ ދެމުންނެވެ.