ފުވައްމުލަކު ބަނދަރު ސަރަޙައްދުން ޓޫރިޒަމްގެ ބޭނުމަށް ބިން ކުއްޔަށް ދޫކުރަން ބީލަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން މިދިޔަ އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އެކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

ފުވައްމުލަކު ބަނދަރު ސަރަހައްދުން ޓޫރިޒަމް ބޭނުމަށް ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ 100 ޑޮލަރަށް ބިޑު ޑޮކިއުމެންޓް ވިއްކައިގެންނެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ބިޑް ހުށަހެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބިޑް ޑޮކިއުމެންޓް ގަނެފައިވާ ފަރާތްތަކަށް ކަމަށާއި ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެފަރާތެއްގެ ނަމުގައި އެއް ޕްރޮޕޯސަލް ކަމަށެވެ.

ބިޑް ވިއްކުން އޮންނާނީ މިއަދު 11:00 އިން ފެށިގެން އަންނަ ހަފުތާގެ ބުދަ ދުވަހުގެ މެންދުރު 1:00 އަށެވެ.

ބިޑް ޑޮކިއުމެންޓް ގަތުމަށް ބޭނުންވާ ފަރާތްތަކުން އެ އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓްގެ މެއިލްއަށް، ބިޑް ގަންނަން ބޭނުންވާ ކުންފުނީގެ ނަމާއި އެޑްރެސް، ފޯން ނަންބަރުގެ އިތުރުން އީމެއިލް އެޑްރެސް މެއިލްކުރުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 17 ވާ އަންގާރަ ދުވަހުގެ 9:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގައިކަމަށް އެ އިލާނުގައިވެ އެވެ.