ބޭންކް އޮފް މޯލްޑިވް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ދެ ނަމެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރުމަށް ހުށަހަޅާފައި ވަނީ މުހައްމަދު ޝާހިދު އާއި އަލީ އިރުފާނު އެވެ.

މުހައްމަދު ޝާހިދު ވަނީ މޯލްޑިވްސް ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގެ އިތުރުން މީރާގެ އެކި ޑިޕާޓްމެންޓްތަކުގެ ޑިރެކްޓަ ޖެނެރަލްގެ މަގާމާއި މީރާގެ ބޯޑުގެ ސެކްރެޓަރީ މަގާމު ވެސް އަދާކުރެއްވި އެވެ.

ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅުއްވާފައިވާ އަލީ އިރުފާނަކީ ފިނޭންސް މިނިސްޓްރީގެ ޕަބްލިކް ފައިނޭންސް މޮޑަނައިޒޭޝަން އެންޑް ރީފޯމްގެ ޕްރޮޖެކްޓް ޑިރެކްޓަރެވެ. އޭނާ ވަނީ ވޯލްޑް ބޭންކުގެ ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިއުކޭޝަން އަދި ފައިނޭންސް އެންޑް ގްރާންޓް އޮޕަރޭޝަންގެ "ވޮއިސް ސެކަންޑީ" ގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.

ބީއެމްއެލްގެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓީން (އީޖީއެމް) މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. އެ ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީވާ މީހުންނަށެވެ.

މިއީ މި އަހަރު ބީއެމްއެލް އިން ބާއްވާ ތިން ވަނަ އީޖީއެމް އެވެ. އޭގެ ކުރިން ބޭއްވި ދެ އީޖީއެމް ވެސް ބޭއްވީ، ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަންކުރުމަށެވެ.

ބީއެމްއެލްގެ ބޯޑުގައި 11 މެންބަރުން ތިބެ އެވެ. އެއީ ސަރުކާރުން އައްޔަންކުރާ 8 މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ތަމްސީލުކުރާ ތިން މެންބަރުންނެވެ. އެކަމަކު މިވަގުތު ބޯޑުގައި ތިއްބެވީ 8 ބޭފުޅުންނެވެ. އޭގެ ތެރެއިން މިހާތަނަށް ސަރުކާރުން އައްޔަންކޮށްފައި ތިއްބެވީ ހަތަރު ބޭފުޅުންނެވެ. ބޯޑުގައި އިންނަވާތާ އެތައް އަހަރެއް ފަހުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ބޯޑުން ވަކިކުރަން ސަރުކާރުން ނިންމާފައިވަނިކޮށް އޭނާވަނީ މިދިޔަ މަހު އިސްތިއުފާ ދެއްވައިފަ އެވެ.