ވިޔަފާރި ބޭނުމަށް ގޭގައި ކާނާ ހަދާނަމަ އަމަލުކުރުމަށް ހަރުކަށި މިންގަނޑުތަކެއް ކަނޑައަޅައިފި އެވެ.

އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި ތައްޔާރުކުރާއިރު އެކަމަށް ވަކި ހާއްސަ ވަގުތެއް ކަނޑައަޅަން ޖެހޭނެ ކަމަށާއި އެ މަސައްކަތް ކުރުމަށް މުވައްޒަފުންނާއި މަސައްކަތު މީހުން ބޭނުން ނުކުރެވޭ ގޮތަށް ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތުގައި އަމަލުކުރަންވީ ގޮތުގެ މިންގަނޑުގައި ވަނީ ކަނޑައަޅާފަ އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މި މަހު އާންމުކުރި އެ މިންގަނޑުގައި، އާންމު ޝަރުތުތަކާއި ބަދިގޭގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ އިތުރުން ހިފައި ގެންގުޅޭ ސާމާނާއި އާލާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ވެސް ހިމަނައިފަ އެވެ.

އެގޮތުން ގޭގައި އާންމުކޮށް ކެއުމާއި ކެއްކުމަށް ބޭނުންކުރާ ތެލިތަށި ވިޔަފާރީގެ ބޭނުމަށް ކާބޯތަކެތި ހެދުމަށް ބޭނުންނުކުރެވޭނެ ކަމަށާއި ބަދިގޭގައި ކާބޯތަކެތި ހެދުމުގެ މަސައްކަތްކުރާއިރު ކަމާ ނުގުޅޭ މީހުން ބަދިގެއަށް ވަނުމަކީ މަނާކަމެއް ކަމަށްވެސް ވަނީ ހިމަނާފަ އެވެ.

އެމްއެފްޑީއޭ އިން އާންމުކުރި މިންގަނޑުގައި ހިމެނެނީ:

  • ކާބޯތަކެތި ތައްޔާރުކުރުމުގެ މަސައްކަތްކުރުމަށް، ގޭގައި ދިރިއުޅޭ މީހުން ފިޔަވައި އިތުރު މުވައްޒަފުންނާއި މަސައްކަތު މީހުންނެއް ނުގެންގުޅުން.
  • ބަދިގޭގައި ކާބޯތަކެތި ހެދުމުގެ މަސައްކަތްކުރާއިރު ކަމާ ނުގުޅޭ މީހުން ބަދިގެއަށް ވަނުމަކީ މަނާ.
  • ކައްކާއިރު އަތްދޮވުމާއި ހިފާގެންގުޅޭ ސާމާނު ދޮވެ ސާފުކުރެވޭނެ އިންތިޒާމު ވެސް ބަދިގޭގައި ހަމަޖެހިފައި ހުންނަންވާނެ.
  • ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި ގެންގުޅޭ ތަކެތި ވެސް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.
  • ވިއްކުމަށް ތައްޔާރުކުރާ ތަކެތި ހެދުމަށް ވަކި ހާއްސަ ވަގުތެއް ކަނޑައަޅާފައި އޮންނަންވާނެ.
  • ގޭގައި އާންމުކޮށް ކެއުމާއި ކެއްކުމަށް ބޭނުންކުރާ ތެލިތަށި ވިޔަފާރީގެ ބޭނުމަށް ކާބޯތަކެތި ހެދުމަށް ބޭނުންކުރުން މަނާ.
  • ވިޔަފާރީގެ ބޭނުމަށް ކާބޯތަކެތި ތައްޔާރުކުރާ ނަމަ، އެކަމަށް ހާއްސަ ތެއްޔާއި ތަށި ގެންގުޅުން.
  • ރޯނުފިލުވައި ހުންނަ ކާބޯތަކެއްޗާއި އެނޫން ކާބޯތަކެއްޗަށް ވަކި ހާއްސަ ތައްޓާއި ސަމުސާ ފަދަ ތަކެތި ބޭނުންކުރަން ޖެހޭ އަދި ވަކި ހާއްސަ ތަށި ސަމުސާ ފަދަ ތަކެތި ނެތް ނަމަ، ރޯ ނުފިލުވައި ހުންނަ ކާބޯތަކެއްޗަށް ބޭނުންކުރި ތަކެތި އެހެން ތަކެއްޗަށް ބޭނުންކުރަންވާނީ އެތަކެތި ރަނގަޅަށް ދޮވެ ޑިސްއިންފެކްޓު ކުރުމަށްފަހު.
  • ކާބޯތަކެތި ތައްޔާރުކުރާއިރު ދުފުމާއި ދުންފަތުގެ އިސްތިއުމާލުކުރުމާއި އެތަނުގައި ކައި ބޮއެ އުޅުން މަނާ.
  • ކާބޯތަކެތި ތައްޔާރުކުރާއިރު އިސްތަށި ނުފައިބާނެހެން ބޮލާއި ހަށިގަނޑު ނިވާކުރުން.

އެމްއެފްޑީއޭ އިން ވަނީ ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތް ކުރާ މީހުން ދަފްތަރު ކުރުމަށްވެސް ނިންމާފަ އެވެ. ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުން ދަފްތަރު ކުރުމަށް، ކާބޯތަކެތި އުފައްދާ ތަނާއި އުފައްދާ ތަކެއްޗާ ބެހޭ މައުލޫމާތު އީފާސް މެދުވެރިކޮށް އެމްއެފްޑީއޭގެ "ދިރިތި" ޕޯޓަލް އަށް ހުށަހަޅަން ޖެހެ އެވެ.

ގޭގައި މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކަށް މިފަދަ ވަރުގަދަ އުސޫލުތަކެއް ކަނޑައެޅި މީ ފުރަތަމަ ފަހަރެވެ. މިހާރު އުސޫލު އޮތް ގޮތުން، ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ތަމްރީނެއް ފުރިހަމަކޮށް، ގޭގޭގައި ކާބޯތަކެތި އުފައްދާ މީހުން ވެސް ރަޖިސްޓްރީކުރަން ލާޒިމެވެ.

އޮތޯރިޓީގެ ޕޯޓަލް އާއި ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު އެކަމުގެ އުސޫލު އާންމުކޮށްފައިވާއިރު މި އުސޫލުތަކުގެ ދަށުން، ކާބޯތަކެތި ގޭގައި ތައްޔާރުކޮށް ވިއްކުމުގެ ހުއްދަ ދެން ލިބޭނީ އެ މިންގަނޑަށް ފެތޭ ފަރާތްތަކަށެވެ.

އެމްއެފްޑީއޭ އިން މިފަދަ އުސޫލުތަކެއް ކަނޑައަޅާ އާންމުކޮށްފައި މިވަނީ ދާދިފަހުން ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންތަކެއްގައި ވަރަށް މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުންދިޔަ އެތައް ބަޔަކު ހުއްޓުވުމާއި ގުޅިގެންނެވެ.