މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެ އަށް 200،000 އަށްވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 202،613 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން އައިސްފައިވަނީ 127،194ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ އައި މިންވަރަށް ވުރެ 59 ޕަސެންޓްގެ ކުރިއެރުމެކެވެ.

މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 200،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިއިރު، އެ ގައުމަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. މިދިޔަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. އަދި 2022 ވަނަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް 27 ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމެވެ.

ޗައިނާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބުނުއިރު، އެ ގައުމުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ރާއްޖެއަށް މިހާރު ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ރަޝިއާއިންނެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް ވަނީ 149،920 ޓޫރިސްޓުން އައިސްފަ އެވެ.