މިހާރު ހުއްޓިފައިހުރި ފެނާއި ނަރުދަމާގެ 22 މަޝްރޫއުއެއް އެމްޑަބްލިޔުއެސްސީގެ ދަށަށް ބަދަލުކޮށް، އެ ކުންފުނިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގުރާމްގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ މިވަގުތު ވެސް އެމްޑަބްލިއުއެސްސީއިން 25 ރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ރަށްތަކުގެ ތެރެއިން ދެ ރަށެއް ފިޔަވާ އެހެން ހުރިހާ ރަށެއްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މަތީން ވިދާޅުވީ އެމްޑަބްލިއުއެސްއިން ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ މަސައްކަތްކަކީ އެ ކުންފުންޏަށް އާމްދަނީއެއް ހޯދުމަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް މުހިންމު އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

"ސަރުކާރާއެކު މަޝްވަރާކޮށްފައި މިވަނީ 22 ރަށުގެ މަސައްކަތާ އެމްޑަބްލިއުއެސްސީއިން ހަވާލުވުމަށް. ސާވޭ އާދި ޕްރޮޕޯޒަލް ހަދާ، މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް މިދަނީ ވަމުން. މީގެ ތެރެއިން ގިނަ ރަށްތަށް އަންނަ އަހަރަށް ނިންމާލުން އަމާޒަކީ،" އޭނާ ވިދާޅުވި އެވެ.

މަތީން ވިދާޅުވީ، މި ރަށްތަކުގައި މަސައްކަތް ނިމިފައި ވަނީ ވަރަށް ކުޑަ އިންސައްތައެއް ކަމަށެވެ. ބައެއް ރަށްތަކުގައި މަސައްކަތް ނިންމާފައި ވަނީ 10 ޕަސެންޓަށް ވުރެ ވެސް ކުޑަ މިންވަރަކަށެވެ.