ގަތަރުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ހިޒް އެކްސެލެންސީ ޖާސިމް ބިން ޖާބިރު ޖޭބީ އަލް-ސުރޫރަށް އުރީދޫ މޯލްޑިވްސް އަށް ޒިޔާރަތް ކުރައްވައިފި އެވެ.

މި ޒިޔާރަތުގައި ރާއްޖެއާއި ގަތަރާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އުރީދޫ މޯލްޑިވްސްއަކީ ގަތަރުން ކުރާ އެންމެ ބޮޑު ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީ ގެ އިތުރުން އުރީދޫ މޯލްޑިވްސްގެ އިސް ވެރިން ހިޒް އެކްސެލެންސީއަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ. މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕް ކުރިއެރުވުމުގައި އުރީދޫ މޯލްޑިވްސްއިން ކުރަމުން ގެންދާ މަސައްކަތްތަކާއި، އިނޮވޭޝަން ކުރިއެރުވުމުގައި އުރީދޫ މޯލްޑިވްސްއިން އަދާކުރާ ދައުރާއި، މުޖުތަމަޢަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.

މި ދަތުރުފުޅުގައި އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސްއަށް ޒިޔާރަތްކުރައްވައި، ކުރަމުން ގެންދާ ހާއްސަ ޕްރޮޖެކްޓްތަކުގައި ހަރަކާތްތެރިވާ މުހިންމު ޓީމްތަކާ ބައްދަލުކުރެއްވި އެވެ. މީގެ އިތުރުން ޑިޖިޓަލް އެކްސެސިބިލިޓީ އިތުރުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތައް ބާރުވެރިކުރުވުމުގެ މަގްސަދުގައި އުރީދުއިން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް ސަފީރު ވަނީ މައުލޫމާތު ހޯދަވާފަ އެވެ.

ސީއީއޯ ޚާލިދު އަލް ޚަމާދީ ވިދާޅުވީ ގަތަރުގެ ސަފީރަށް މަރުހަބާ ދެންނެވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"އެމަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމާއި، ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ހިންގުމުގައި އުރީދޫއިން އަދާކުރާ މުހިންމު ދައުރަށް ޔަޤީންކަން ލިބިގެންދޭ،" ސީއީއޯ ޚާލިދު އަލް ޚަމާދީ ވިދާޅުވި އެވެ.

މި ދަތުރުފުޅު ނިންމަވާލެއްވީ އުރީދޫ މޯލްޑިވްސް އާއި ގަތަރާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެޤައުމުގެ ކުރިއެރުމާއި، ދެގައުމުގެ މެދުގައި ކާމިޔާބަށް މަސައްކަތް ކުރުމަށް ދެ ފަރާތުގެ ވައުދާއެކުގަ އެވެ.