ރާއްޖެއަށް މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު އިތުރުވި ނަމަވެސް މިދިޔަ މަހު މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ އިތުރުނުވާކަން ފާހަގަވެއްޖެ އެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ދައުލަތަށް 62.8 މިލިއަން ޑޮލަރު ލިބުނުއިރު މިދިޔަ އަހަރުގެ އޮގަސްޓު މަހު ވެސް ލިބިފައި ވަނީ 62 މިލިއަން ޑޮލަރެވެ. އެހެން ކަމުން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު އިތުރުވި ނަމަވެސް ޑޮލަރުން ލިބޭ އާމްދަނީއެއް މިދިޔަ މަހު އިތުރުވެފައިވާ ކަމެއް ފާހަގައެއް ނުކުރެވެ އެވެ.

ރާއްޖެއަށް ޑޮލަރުން ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން ބްލެކްމާކެޓްގައި ޑޮލަރުގެ އަގު ވަނީ މިއިން ދުވަހު ނުދާހާ މައްޗަށް ގޮސްފަ އެވެ.

އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޑޮލަރުގެ އިންތިހާއަށް އުފުލެމުންދާ މައިގަނޑު ސަބަބަކީ ސަރުކާރަށް ޑޮލަރުން ލިބޭ އާމްދަނީ ދަށްވުމުންނެވެ. އަދި އެކަމަށް ހައްލެއް ނުލިި ދިގުލައިގެންދާ ނަމަ އަދިވެސް ޑޮލަރުގެ އަގު މައްޗަށް އަރާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ އިދާރާއަށް މިދިޔަ މަހު 1.98 ބިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އަދި އެ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 24 ޕަސެންޓް މަތީ އަދަދެއް ކަމަށް ވެސް މީރާއިން ބުނެފައިވެ އެވެ. އޭގެ އިތުރުން އެ އަދަދަކީ އޮގަސްޓު މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 34.5 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް މީރާއިން ބުނެފައިވެ އެވެ.

މީރާއިން ބުނިގޮތުގައި އޮގަސްޓު 2023 އާއި އަޅައިބަލާއިރު، އޮގަސްޓު 2024 ގެ އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ފަރުދުން-ނޫން ފަރާތްތަކުން ނަގާ ޓެކުހާއި، ކުންފުނިތަކުގެ އާމްދަނީން ނަގާ ޓެކުހާއި، ޖީ.އެސް.ޓީ އަދި ގްރީން ޓެކުހުގެ އާމްދަނީ އިތުރުވުމުންނެވެ. މީގެ އިތުރުން، މިދިޔަ އޮގަސްޓު މަހު ލިބިފައިވާ ކެޕިޓަލް ގެއިންސް ވިތްހޯލްޑިން ޓެކުހާއި، ސުންގަޑީގެ ފަހުން ބަލައިގަނެފައިވާ ވިޔަފާރިތަކާއި ފަރުދުން- ނޫން ފަރާތްތަކުން ލިބޭ އާމްދަނީން ނަގާ ޓެކުހުގެ އަދަދު އިތުރުވުމުގެ ސަބަބުން މީރާއަށް ބަލައިގަނެފައިވާ ޖުމުލަ އަމްދަނީ އިތުރުވެފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

މީރާއިން ބުނިގޮތުގައި އޮގަސްޓު 2023 އާއި އަޅާބަލާއިރު ޓޫރިޒަމް ދާއިރާއިން މިދިޔަ މަހު ލިބުނު ޓެކުހުގެ އާމްދަނީ އިތުރުވުމުގެ ސަބަބަކީ، އޮގަސްޓު 2023 އާއި އަޅައިބަލާއިރު މިދިޔަ އޮގަސްޓް މަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 15 ޕަސެންޓް އިތުރުވެފައިވުން ކަމަށް މީރާއިން ބުނެ އެވެ.

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އިންނެވެ. އެއީ 53.3 ޕަސެންޓް ނުވަތަ 1.06 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 23.9 ޕަސެންޓް ނުވަތަ 472.66 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އެއާޕޯޓު ޑިވަލޮޕްމެންޓް ފީ ގެ ގޮތުގައި 90.85 މިލިއަން ރުފިޔާ (4.6 ޕަސެންޓް)، ޑިޕާޗާ ޓެކުހުގެ ގޮތުގައި 89.13 މިލިއަން ރުފިޔާ (4.5 ޕަސެންޓް)، ގްރީން ޓެކުހުގެ ގޮތުގައި 87.11 މިލިއަން ރުފިޔާ (4.4 ޕަސެންޓް)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 183.29 މިލިއަން ރުފިޔާ (9.3 ޕަސެންޓް) ލިބިފައިވެ އެވެ.