ފެނަކައިގެ ޗެއާޕާސަންގެ މަގާމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ހަމަޖައްސައިފި އެވެ.
ޝިމާދު ޗެއާޕާސަންގެ މަގާމަށް އައްޔަންކޮށްފައި މިވަނީ، އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމަށް ނިންމާފައިވާކަމަށް ރައީސް އިއުލާންކުރައްވާފައި ވަނިކޮށެވެ.
ޝިމާދުގެ އިތުރުން ޕީސީބީން ވަނީ އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މާޒިން ވެސް ފެނަކައިގެ ބޯޑަށް އައްޔަންކޮށްފަ އެވެ.
އެސްޓީއޯގެ ދަށުން ފެނަކަގެ ހިންގުން ބަދަލުކުރުމުގެ މި މަރުހަލާގައި އެ ކޯޕަރޭޝަންގެ ބޯޑުގައި ހިމެނޭނީ ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އާއި އެންވަޔަރުމަންޓް މިނިސްޓްރީން ކަނޑައަޅާ ބޭފުޅުންނެވެ. ފެނަކަ، އެސްޓީއޯގެ ދަށަށް އެއްކޮށް ބަދަލުވުމުން އެ ކުންފުނީގެ ބޯޑު އެކުލަވައިލާނީ އެސްޓީއޯގެ ގަވަނަންސް ކޯޑާއި ސަބްސިޑަރީތަކަށް މެންބަރުން އައްޔަނުކުރާ އުސޫލުގެ ދަށުންނެވެ.
ފެނަކަ އެސްޓިއޯގެ ސަބްސިޑަރީ ކުންފުންޏަކަށް އެއްކޮން ބަދަލުކޮށް މަސައްކަތްތައް ފަށާނީ އަންނަ ޖެނުއަރީ މަހުކަމަށް ސަރުކާރުންވަނީ ހާމަކޮށްފަ އެވެ. ފެނަކައަށް ދިމާވެފައިވާ ދަރަނިން އަރައިގަތުމަށް ކުރާ މަސައްކަތުގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް ދައްކަން އޮތީ އެސްޓީއޯއަށެވެ.
އެސްޓީއޯއިން ފެނަކައަށް ތެޔޮގަތުމަށްފަހު ދަރަނީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ވަނީ ދައްކަން ޖެހިފަ އެވެ. މީގެ އިތުރުން އެކި ފަރާތްތަކަށް ފެނަކައިން ދައްކަންޖެހޭ ފައިސާގެ އަދަދު 4.1 ބިލިއަނަށް އަރާކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވަނީ ވިދާޅުވެފަ އެވެ.
ހިސާބައްވުރެ ގިނައިން ވަޒީފަ ދިނީ އަދިވެސް ދެނީ